ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ "ހަފުތާ ރެސް" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށް ކުރިއަށް ގެންދާ "ހަފްތާ ރެސް" ޕްރޮގްރާމް ފުނަދޫގައި ކުރިއަށް ގެންގޮސްފައި ވަނީ މި މާރިޗް މަހުގެ 22 އިން 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

Ad
rt

ފުނަދޫގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، މިނިސްޓްރީއޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންއާއި، ފުނަދޫ ކައުންސިލްގެ އިތުރުން ށ. އަތޮޅު ކައުންސިލް ގުޅިގެންނެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ މިޕްރޮގްރާމްގެ 23 ވަނަ ދުވަހުގެ ސެޝަން ހާއްސަކޮށްފައިވަނީ ރަށްރަށުގެ ޖަމްޢިއްޔާތަކުގެ އިސްކޮށްއުޅޭ ޒުވާނުންނަށްށެވެ. އެދުވަހުގެ ސެޝަނުގައި ށ އަތޮޅުގެ 14 ރަށުން، ކޮންމެ ރަށަކުން 4 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

24 ވަނަ ދުވަހު ށ. އަތޮޅުގެ ހުރިހާ ރަށެއްގެ ޕްރިންސިޕަލުންނާއި ލީޑިން ޓީޗަރުންނަށް ހާއްސަކޮށް ހޭލުންތެރިކުރުވުމުގެ ސެޝަންއެއް ވަނީ ކުރިއަށް ގެންގޮއްސައެވެ. މި ސެޝަނުގައިވެސް ކޮންމެ ރަށަކުން 4 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

އަދި 26 ވަނަ ދުވަހުގެ ސެޝަން ކުރިއަށް ގެންގޮސްފައިވާ ރަށްތަކުގެ ލީޑަރުންނަށްށެވެ. މިސެޝަނުގައި ށ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްގެ ރައީސް، ނައިބް ރައީސްގެ އިތުރުން ސެކެރްޓަރީ ޖެނެރަލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއިން ވަނީ ބައިވެރިވެފައެވެ.

މިޕްރޮގްރާމްގައި ވިލުންވެރި އަމާންވެއްޓެއް ބިނާކުރުމަށް އެބައެއްގެ ދައުރު އަދާކުރާނެ ގޮތްތައް ވަނީ ކިޔާދެއްވާފައެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން މިޕްރޮގްރާމްގައި ކިޔަވާދެއްވީ އެޔުނިވަރސިޓީގެ ލެކްޗަރަރ ޑރ. ސައުދު ﷲ އެވެ.

މީގެއިތުރުން މިޕްރޮގްރާމް ނިންމާލުމުގެ ގޮތުން ފުނަދޫ އަދި ށ. އަތޮޅުގެ ރައްޔިތުންނަށްވެސް ބައިވެރިވޭ ގޮތަށް ހަވީރު ސައެއް ވަނީ ބާއްވާފައެވެ. މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 26 ވަނަ ދުވަހުއެވެ.

ފުނަދޫ ކައުންސިލްއިން ވިދާޅުވެފައިވާ ގޮތުގައި އެކައުންސިލްގެ އުއްމީދަކީ ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެކު މަސައްކަތް ކުރުމެވެ. އަދި މިޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލެވުނުކަމަށްޓަކައި މިހަރަކާތް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކަށް އެކައުންސިލުން ވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.