މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރު ކޮށްފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މައި ޕާޓީގެ މީސް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި ޑެޕިއުޓީ މޭޔަރު ނަރީޝް ވަނީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ނަރީޝް މިނިވަންކުރުމަށް ވެސް ޕީޕީއެމުން ގޮވާލާފަވެއެވެ.

Ad
rt

ނަރީޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.

"ނޭވާހޮޅިއަށް" ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު ވެރިރަށް މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ޢިއުލާންކޮށްފައިވާއިރުއެ އެއްވުން ކުރިއަށް ނުގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އަންގާފައެވެ. އަދި އެއްވުން ނުބާއްވާން އެންގީ އެ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރުމުން ކަމަށް ފުލުހުން ވިދާޅުވެފަވެއެވެ.

ފުލުހުންގެ މި އެންގުމާއެކު ދައުލަތުގެ ރަސްމީ އިދާރާތަކުގެ އަންގާ އެންގުންތަކަށް ސިޔާސީ ޕާޓީތަކުން ބޯލެނބުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުންގެ ބަޔާނާ ގުޅިގެން އިދިކޮޅުގެ ލީޑާޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެފައި ވަނީ، ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ އެއްވެސް ކަމަކީ ޙަޤީޤަތެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން ވިދާޅުވި، ނަމަވެސް ހުކުރު ދުވަހު ބޭއްވުމަށް ރާވައިފައިވާ އެއްވުން ކުރިއަށް ދާނެ ކަމަށް އަދުރޭ ވިދާޅުވެފަވެއެވެ.