އެންމެފަހުގެ ޔޯރޯ ޗެމްޕިއަން އިޓަލީއަށް އަނެއްކާވެސް ވޯރލްޑްކަޕް އަށް ކޮލިފައިނުވެ ބޮޑު ލަދަކާ ކުރިމަތިލާންޖެހިއްޖެއެވެ.

2018 ވަނަ އަހަރުގެ ވޯލްޑްކަޕަށްވެސް އިޓަލީ ކޮލިފައިވެފާ ނުވާއިރު ޖެހި ޖެހިގެން ދެ ވޯލްޑްކަޕަށް އިޓަލީ ކޮލިފައިނުވި މީ ފުރަތަމަ ފަހަރެވެ.

Ad
rt

2006 ވަނަ އަހަރު ވޯލްޑްކަޕް ހޯދިފަހުން އިޓަލީ ފެންނަނީ ވޯލްޑްކަޕްގައި ވަރަށް ދަށްކޮށްނެވެ. 2010 އަދި 2014 ވަނަ އަހަރު ވޯލްޑްކަޕްގައި ގްރޫޕް ސްޓޭޖުން ކަޓާފަ ވާއިރު 2018 އަދި މި އަހަރުގެ ވޯލްޑްކަޕް އަށް ކޮލިފައިވާގޮތްވަނީ ނުވެފައެވެ.

މިފަހަރުގެ މުބާރާތުން ޖާގަ ގެއްލުނީ ބުރާސްފަތި ދުވަހުގެރޭ ކުޅުނު ޕުލޭއޮފް ސެމީފައިނަލް މެޗުން ނޯތުމެސެޑޯނިއާ އަތުން 1-0 ގެ ނަތީޖާއިން ބަލި ވުމުންނެވެ.

މުޅިމެޗުގަވެސް މޮޅަށް ކުޅުނު އިޓަލީ އިން ވަނީ 14 ހަމަލާއެއް ފޮނުވާލާފައެވެ. އޭގެން 5 ހަމަލާ ގޯލާ އަމާޒުވިއިރު، މެސެޑޯނިއާއަށް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ 2 ހަމަލާއެވެ.

މީގެ ތެރެއިން މެޗުގެ އިތުރުވަގުތުގައި އޭރިޔާބޭރުން އެލެކުސެންޑްރާ ޓުރަޖްކޮވެސްކީ ފޮނުވާލިބޯޅަ ވަނީ ގޯލަށް ވަށްދާލާ ގަދަފަދަ އިޓަލީ ރޮށްވާލާ ޕްލޭއޮފްގެ ފައިނަލަށް މެސެޑޯނިއާ ދަތުރުކޮށްފައެވެ.

މި ގްރޫޕްގައި ކުޅުނު އަނެއްމެޗުން ތުރުކީ ބަލިކޮށް ޕޯޗުގަލްވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. 2018 ވަނަ އަހަރު ވޯލްޑްކަޕުން ޕޯޗުގަލް ޖާގަ ހޯދީވެސް ޕްލޭއޮފް ކުޅެގެންނެވެ.

ތުރުކީ މައްޗަށް ޕޯޗުގަލް ކުރު ހޯދީ 3-1 ގެ ނަތީޖާއިންނެވެ. ފުރަތަމަ ގޯލް މެޗުގެ 15 ވަނަ މިނެޓުގައި އޮޓާވިއޯ ކާމިޔާބު ކޮށްދިނީ ދަނޑީގައި ޖެހިފައި ނިކުތްބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. ދެވަނަ ގޯލް އޮޓާވިއޯ ނަގައިދިން ހުރަހަކުން ބޮލުން ގޯލް ތެރެއަށް ފޮނުވައިލައިގެން މެޗުގެ 42 ވަނަ މިނެޓުގައި މި ގޯލް ކާމިޔާބު ކޮށްދިނީ ޖޮޓާ އެވެ. ޕޯޗުގަލްގެ ފަހު ގޯލް އިތުރު ވަގުތު ކާމިޔާބު ކޮށްދިނީ ނުނެސް އެވެ.
މި މެޗުގައި ތުރުކީގެ ހަމަ އެކަނި ގޯލް ކާމިޔާބު ކޮށްދިނީ މެޗުގެ 65 ވަނަ މިނެޓުގައި ބުރަކް ޔިލްމާޒް އެވެ.

ނޯތު މެސެޑޯނިއާ އަދި ޕޯޗުގަލް ބައްދަލުކުރާ މެޗު އޮށްނާނީ މިމަހު 29 ގައެވެެ. ޕޯޗުގަލްގެ ޕޯޓޯގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގައެވެ.