ވައްކަމުގެ މައްސަލައެއްގައި ފުލުހުން މިއަދު ހޯދަން އިޢުލާންކުރި ސުކޫލު ދަރިވަރުންގެ ވީޑިއޯ ޑިލީޓްކޮށްފި އެވެ.

މަގުމައްޗަށް ވެއްޓިފައި އޮތް އެއްޗެއް ނަގައިގެން ދާ ތިން ކުދިން ހޯދަން ފުލުހުންގެ އިދާރާއިން ވަނީ ވީޑިއޯއަކާއި އެކު އިޢުލާނެއް ކޮށްފަ އެވެ. ނަމަވެސް މިހާރު ފުލުހުންގެ މީސްމީޑިޔާގެ މަންސަ ތަކުން މިވީޑިއޯ ވަނީ ފޮހެލާފަ އެވެ. ވެބްސައިޓުގައި އާންމުކުރި އިޢުލާންވެސް ވަނީ ނަގާފަ އެވެ.

Ad
rt

މިއަދު ހެނދުނު ފުލުހުން އާންމުކުރި އިޢުލާނުގައި ބުނެފައިވަނީ “ވީޑިއޯއިން ފެންނަ ތިން މީހުންނަކީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުންކަމަށް” ބުނެފައިވެއެވެ.

އެވީޑިއޯއިން ފެންނަ ގޮތުގައި އެތިން ކުދިން ކުޅުދުއްފުށީގެ މަގަކުން ހިނގާފައި ދަމުން، އޭގެ ތެރެއިން އެކަކު މަގުމަތީގައި ވެއްޓިފައި އޮތްއެއްޗެއް ނަގާ ޖީބަށްލާ މަންޒަރު ފެނެއެވެ. އެއަށް ފަހު މަގުގެ ދެކޮޅު ބަލާލާ ކުރިއަށްދާތަން ފެނެއެވެ. ބަލާބެލުމަށް އެކުދިންނަކީ 18 އަހަރު ނުފުރޭ ކުދިން ކަމަށް ބެލެވެއެވެ.

މަޢުލާމާތު ލިބިފައިވާ ގޮތުގައި، ވައްކަން ކުރިކަމަށްބުނެ ހޯދަން އިޢުލާނުކުރި ތިން ކުދިން މަގުމަތިން ހޮވީ ކޭޝް ކާޑެއްކެވެ. އެތިންކުދިންނަކީ ހދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ތިން ކުދިންނެވެ.

އެކުދިން ހޯދަން އާންމުކުރި އިޢުލާނުގައި އިތުރު މަައުލޫމާތެއް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ، ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ހޮޓްލައިން ނަންބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށާއި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށެވެ.

ވައްކަމުގެ މައްސަލަ ތަކާއި ގުޅިގެން ދޭތެރެ ދޭތެރެއިން ފުލުހުން އަންނަނީ އާންމުންގެ އެހީތެރިކަމަށް އެދި ވީޑިއޯ އާންމު ކުރަމުންނެވެ.

ކުޅުދުއްފުއްޓަކީ ކޮންމެ ދުވަހަކުހެން އުތުރުގެ ތިން އަތޮޅުން ގިނައަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ ރަށެކެވެ.

އެޑިޓަރުގެ ނޯޓް: “ކުޅުދުއްފުށިން ވައްކަންކުރި ތިން ޒުވާނުން ހޯދަން ވީޑިއޯ އާންމު ކޮށްފި” މި ސުރުހީގެ ދަށުން މިނޫހުން ގެނެސްދިން ހަބަރު މި ސަބަބާއި އެކި މިހާރުވަނީ އުނިކުރެވިފަ އެވެ.