އިންޑިއާ މަގުން ރާއްޖެ ގެނައި ގަސް ކާނާ ޝިޕްމަންޓެއްގެ ތެރެއިން 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މިތަކެތި އަތުލައިގަނެފައިވަނީ، އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ ގެނެސްފައިވާ އެއާ ކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން އިއްޔެ މި ޝިޕްމަންޓް އިތުރަށް ބަލާފާސްކުރުމުގެތެރޭގައެވެ.
ކަސްޓަމުން ވިދާޅުވީ، ބަލާފާސްކުރި ޝިޕްމަންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ "އޯގަނިކް ފާރޓިލައިޒަރ" ގެ ގޮތުގައިކަމަށެވެ. އަދި މިޝިޕްމަންޓުގައި ހުރި "އޯގަނިކް ފާރޓިލައިޒަރ" ޕެކެޓްތަކުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައިވާ ކަމަށެވެ.
ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް (ހަޝިޝް އޮއިލް) އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއްވައެވެ.
"މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 17 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 13،600،000.00 (13 މިލިއަން ހަލައްކަ) ރުފިޔާއަށް އަރައެވެ." ކަސްޓަމްސްއިން ވިދާޅުވެފަވެއެވެ.
މިމައްސަލައިގައި ކަސްޓަމްސްއިން އަތުލައިގެންފައިވާ 17 ކިލޯގެ މަސްތުވާތަކެތި ފުލުހާއި ހަވާލު ކުރުމުން ފުލުހުން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 27 އަހަރާއި 37 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުންނެވެ. އެއީ ދިވެހި ދެ ފިރިހެނުންނާއި ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!