17 ކިލޯގެ މަސްތުވާތަކެއްޗާއެކު މާލޭ ސިޓީން 4 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނަކީ، ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދިން މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަނުގައި 17 ކިލޯގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން 27 އަހަރާއި 37 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ ދިވެހި ދެ ފިރިހެނުންނާއި ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރައްވަމުންގެންދަވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!