ސްޕެނިޝް ލަލީގާގައި އެންމެ ވާދަވެރި ދެ ކުލަބް ކަމުގައިވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެނަތީޖާއިންނެވެ.

އެންމެ ފަހުން މި ދެ ޓީމް ވާދަކުރި ފަސް މެޗު ވެސް ކާމިޔާބު ކޮށްފައި ވަނީ ރެއާލުންނެވެ. މި މެޗާއި ރެއާލުން ކުރިމަތިލީއިރު ރަނގަޅު ފޯމެއްގައި ހުރި އެ ޓީމްގެ ކެޕްޓަން ބެންޒެމާގެ ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ކުޅެވޭގޮތް ނުވެފައެވެ. މީގެ އިތުރުން އެ ޓީމްގެ ޑިފެންޑަރ މެންޑީ ވެސް އަނިޔާގައި ހުރުމުން ޓީމްގައި ހިމަނާފައި ނުވެއެވެ.

Ad
rt

ރަނގަޅު ފޯމެއްގައި އޮތް ބާސާއިން މި މެޗާއި ކުރިމަތިލީއިރު، އެ ޓީމުން ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުން ވެސް ބަލިވެފައި ނުވެއެވެ.

މެޗު ފަށައިގެން ބާސާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ބާސާގެ ގިނަ އެޓޭކްތަކެއް ފެނިގެންދިޔައިރު މުޅި މެޗުގައި ވެސް ރެއާލްގެ ޑިފެންސުން ވަނީ ތަކުރާރުކޮށް ބޮޑެތި ގޯސްތަކެއް ފެނިގެން ގޮސްފައެވެ.

މެޗުގައި ބާސާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ނަޗޯ ކައިރިން ނައްޓާލުމަށް ފަހު ޑެމްބެލޭ ރެއާލްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޖެނުއަރީ ޓްރާންސްފާގައި އާސެނަލުން ބާސާއަށް ބަދަލުވި އޮބާމެޔަންއެވެ.

މެޗުގެ ދެވަނަ ލަނޑު 38 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ރޮނާލްޑް އަރައުހޯއެވެ. މި ކޯނަރު ވެސް ނަގައިދީފައި ވަނީ ޑެމްބެލޭއެވެ.

މެޗުގެ ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި އޮބާމެޔަން ތަނަވަސް ކޮށްދިން ފުރުބަތެއްގައި ބާސާއަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ފެރާން ޓޯރޭސްއެވެ. ބާސާގެ ހަތަރުވަނަ ލަނޑު 51 ވަނަ މިނެޓުގައި ފެރާން ޓޯރޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް އޮބާމެޔަންއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެސް އޭނާއެވެ.

މެޗުން ބަލިވި ނަމަވެސް ޕޮއިންޓް ތާވަލުގެ އެއްވަނާގައި 9 ޕޮއިންޓްގެ ލީޑަކާއިއެކު އޮތީ ރެއާލް މެޑްރިޑެވެ. އެ ޓީމަށް 29 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ސެވިއްޔާއަށް ލިބިފައި ވަނީ 29 މެޗުން 57 ޕޮއިންޓެވެ. ބާސާ މި ވަގުތު ތިންވަނާގައި އޮތީ 28 މެޗުން ލިބުނު 54 ޕޮއިންޓާއި އެކުގައެވެ.