ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ކްރިމިނަލް ކޯޓުގައި ސަރުކާރުގެ މައްޗަށް މިއަދު ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އައްމަޓީގެ މައްޗަށް ކުރާ ޚިޔާނާތުގެ 42 ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި އައްމަޓީ ބުނީ ސީލައިފާއި އެޗްޑީސީއާ ދެމެދު ހެދި އެއްބަސްވުން އެޗްޑީސީން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ޗީފް އޮފް ސްޓާފް އަލީ ޒާހިރު ހިމެނޭހެން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެ ބޭފުޅުންނާ އޭނާއާ މަޝްވަރާކޮށް، އެކަމުގައި އެއްބަސްވުމަކަށް ވެސް އައި އައްމަޓީ ބުންޏެވެ.
އައްމަޓީ ބުނިގޮތުގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ނުކުރާނެ ކަމުގެ ޔަގީންކަން ވެސް އެ މަޝްވަރާތަކުގެ ތެރެއިން ސަރުކާރުން ދިނެވެ. އަދި އޭނާ ރާއްޖެއިން ބޭރުގައި ހުރި ދުވަސްވަރު ވެސް އަލީ ޒާހިރާއި ފޯނުން މުއާމަލާތުކުރި ކަމަށް އައްމަޓީ ބުންޏެވެ.
އައްމަޓީގެ ވަކީލުން ބުނީ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ރައީސް އޮފީހުން މިދިޔަ އަހަރު އެޗްޑީސީއަށް އަންގާފައިވާ ކަމަށެވެ. އެގޮތަށް އެންގީ ރައީސާއި އޭޖީ ރިފްއަތު ހިމެނިވަޑައިގަންނަވާ ކޮމެޓީއަކުން އެކަން ބެލުމަށްފަހު އަދި ގާނޫނީ ލަފާ ވެސް ހޯދުމަށްފަހު ކަމަށް ވަކީލުން ބުންޏެވެ.
ދައުލަތުގެ ވަކީލުން ބުނީ އައްމަޓީއާ ސަރުކާރުން ކުރި މަޝްވަރާއަކީ އާންމުންގެ އަތުން ސީލައިފުން ނެގި ފައިސާ އަނބުރާ ދިނުމާ ބެހޭގޮތުން ބޭއްވި މަޝްވަރާއެކެވެ. ޖިނާއީ ދައުވާ ކުރުމާ އެކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ދައުލަތުން ބުނުމަށްފަހު ބުނީ އައްމަޓީއަށް ދައުވާކުރީ ތަހުގީގުން ހެކި ލިބުމުން ކަމަށެވެ. އަދި އެކަމުގައި އެޗްޑީސީގެ ގޯހެއް ނެތްކަމަށް ތަހުގީގުން ހާމަވާ ކަމަށް ދައުލަތުން ބުންޏެވެ.
މިއަދުގެ އަޑުއެހުމަށްފަހު އައްމަޓީ ބަންދުން ދޫކޮށްލަން ކޯޓުން އަމުރުކުރި އެވެ. އެއީ ޝަރުތުތަކާ އެކު އެވެ. މިއީ އައްމަޓީ ބަންދުން ދޫކޮށްލި ތިން ވަނަ ފަހަރެވެ.
އައްމަޓީ ދޫކޮށްލަން ދައުލަތުން ދެކޮޅު ހެދީ އޭނާ ފިލާފާނެ ކަމަށް ބުނެ އެވެ. އެކަމަކު އައްމަޓީގެ ވަކީލުން ވިދާޅުވީ ޓަގު ބޯޓެއްގައި ފިލައިގެން ދާން އުޅުނު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭގައި ހުންނަވާއިރު އައްމަޓީ ބަންދު ކުރުމަކީ ތަފާތު ކުރުމެއް ކަމަށެވެ. އަދި އައްމަޓީ ނުފިލާނެ ކަމަށާއި އޭނާގެ ގޭގެ ބޭރުގައި ފުލުހުން ބޭތިއްބިޔަސް، މައްސަލައެއް ނެތް ކަމަށް އައްމަޓީގެ ވަކީލުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!