އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާއި އާސެނަލް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހު ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އާސެނަލަށް ކުޅެމުން އަންނަ އިނގިރޭސި ޒުވާން ފޯވާޑް ބުކަޔޯ ސަކާއެވެ. ސަކާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ވިލާގެ އޭރިއާ ބޭރުގައިހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

Ad
rt

މިއީ ޕްރިމިއާ ލީގުގައި އާސެނަލުން ކާމިޔާބުކުރި 2000 ވަނަ ލަނޑެވެ. ޕްރިމިއާ ލީގުގައި ދެހާސްލަނޑު ދެން ހަމަކޮށްފައިވާ ޓީމް ތަކަކީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލެވެ. ޔުނައިޓެޑުން 2176 ލަނޑު ޖަހާފައިވާއިރު ލިވަޕޫލުން ވަނީ 2002 ލަނޑު ޖަހާފައެވެ.

މި މެޗުގައި ނަތީޖާ ހަމަހަމަ ކުރުމަށް ވިލާއިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެ ފުރުޞަތުތައް ހުއްޓުވުމުގައި އާސެނަލްގެ ކީޕަރު ލެނޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަނިޔާގެ ސަބަބުން މި މެޗުގައި އާސެނަލްގެ އެއް ނަމްބަރު ކީޕަރު ކަމަށްވާ އާރޮން ރަމްސްޑޭލް ކުޅެފައި ނުވެއެވެ.

މި މޮޅާއިއެކު އާސެނަލަށް ވަނީ އެއް މެޗު މަދުންކުޅެ ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 28 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނާގައި ޔުނައިޓެޑް އޮތީ އާސެނަލްއަށް ވުރެ އެއް މެޗު އިތުރަށްކުޅެ ލިބުނު 50 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި 28 މެޗުން ލިބުނު 59 ޕޮއިންޓާއިއެކު އޮތީ ޗެލްސީއެވެ. ދެވަނާގައި 29 މެޗުން 69 ޕޮއިންޓް ހޯދައިގެން ލިވަޕޫލް އޮތްއިރު އެއްވަނާގައި 29 މެޗުން 70 ޕޮއިންޓް ހޯދައިގެން އޮތީ ސިޓީއެވެ. މި މެޗުން ބަލިވި އެސްޓަން ވިލާ މިވަގުތު އޮތީ ތާވަލުގެ 9 ވަނާގައެވެ. އެ ޓީމަށް 29 މެޗުން ލިބިފައި ވަނީ 36 ޕޮއިންޓެވެ.