އުތުރުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިންވެސްޓަރުންނާއިއެކު ނެޓްވާރކިން ޕްލެޓްފޯމެއް ޤާއިމް ކުރެވިއްޖެ ކަމަށް ހދ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން ފަތުރުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާއެކު 2022 މާރިޗު 15 ގައި އިންޑިޔާގެ މުމްބާއީގައި ބޭއްވި "ޓޫރިޒަމް އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ ފޯރަމް"ގައި ހދ. އަތޮޅު ކައުންސިލްގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.

Ad
rt

ހދ. އަތޮޅު ކައުންސިލުން ވިދާޅުވީ، މި ފޯރަމްގައި ރާއްޖޭގެ، ޚާއްޞަކޮށް އުތުރުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އިންވެސްޓަރުންނާއެކު ނެޓްވާރކިން ޕްލެޓްފޯމެއް ޤާއިމު ކުރެވިފައިވާކަމަށެވެ.

މި ފޯރަމުގައި ހދ. އަތޮޅާއި، ކުޅުދުއްފުށީ ސިޓީގައި ހުރި ފަތުރުވެރިކަމުގެ ފުރުޞަޠުތައް އިންވެސްޓަރުންނަށް އަންގައިދިނުމަށް ހދ. އަތޮޅު ކައުންސިލުންނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ޕްރެޒެނއޓޭޝަން ހުށަހަޅާފައެވެ.

މި ފޯރަމްގައި ހދ. އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވީ އެ ކައުންސިލްގެ ނައިބު ރައީސް އަދި ކުމުންދޫ ރައީސް އަމީން މުޙައްމަދާއި، އަތޮޅު ކައުންސިލް މެންބަރު ވައިކަރަދޫ ރައީސް ޢަބުދުﷲ ޒާމިރެވެ. އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވީ ޑެޕިއުޓީ މޭޔަރު ޢަލީ އަޙްމަދެވެ.

މިފޯރަމްއަކީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގުޅިގެން މުމްބާއީގެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ފޯރަމެކެވެ. މިފޯރަމް ބޭއްވިފައިވަނީ އިންޑިއާގެ މުންބާއީގައި މިމަހުގެ 14 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އައުޓްބައުންޑް ޓްރެވެލް މާޓް (އޯޓީއެމް) ގެ ހަވާސާގެ ތެރެއިންނެވެ.

މިފޯރަމްގައި ހދ އަތޮޅު ކައުންސިލްގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި އިދާރާތަކާއި، ރާއްޖޭގެ އެއަލައިންތަކާއި، ޓޫރިޒަމް އިންޑަސްޓްރީގެ ޖަމުއިޔާތަކުގެ އިތުރުން އުތުރު އަތޮޅުތަކުގެ ބައެއް ކައުންސިލްތަކުން ވަނީ ބައިވެރިވެފައެވެ.