ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ބާސެލޯނާއާއި ގަލަޓަސަރާއީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބާސާ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ބާސާގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެވަނަ ލެގުގެ މެޗު ރޭ ގަލަޓަސަރާއީގެ ދަނޑުގައި ކުޅުނުއިރު، މި މެޗު ބާސާ ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި ނތީޖާއާއިއެކު މުބާރާތުގެ ކުއާޓާއިން ބާސާއަށް ޖާގަ ލިބިފައި ވަނީ 2-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

Ad
rt

މުޅި މެޗު ބާސާއިން ކޮންޓްރޯލް ކުރި ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ގަލަޓަސަރާއީންނެވެ. މި ލަނޑު 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މަސާއޯއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އެ ޓީމަށް ލިބުނު ކޯނަރަކުން ބާސާގެ އޭރިއާ ތެރެއަށް ހުރަސްވީ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 37 ވަނަ މިނެޓުގައި ފެރާން ޓޯރޭސް ދިން ބޯޅައަކުން ކާމިޔާބު ކޮށްދީފައި ވަނީ ޕެޑްރީއެވެ.

މެޗުން ބާސާ މޮޅުވި ލަނޑު 49 ވަނަ މިނެޓުގެ ތެރޭ ފްރެންކީ ޑި ޖޮން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އޮބާމެޔަންއެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގެ ހުރިހާ މެޗެއް ރޭ ކުޅެ ނިމިފައިވާއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ސްޕެއިންގެ ސެވިއްޔާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓްހޭމް އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.

މުބާރާތުގެ ދެވަނަ ބުރުގައި މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅެފައި ވަނީ ސެވިއްޔާގެ ދަނޑުގައެވެ. އެ މެޗު ސެވިއްޔާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ދެވަނަ ލެގުގެ މެޗު ރޭ ވެސްޓްހޭމްގެ ދަނޑުގައި ކުޅުނުއިރު އެ މެޗު ނިމިގެން ގޮސްފައި ވަނީ 2-0 ގެ ނަތީޖާއިން ވެސްޓްހޭމް މޮޅުވެގެންނެވެ. މުބާރާތުގެ ކުއާޓާއިން ވެސްޓްހޭމްއަށް ޖާގަ ލިބިފައި ވަނީ 2-1 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.

މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދާފައިވާ ޓީމްތަކަކީ ވެސްޓް ހޭމް، ބާސެލޯނާ، ފްރޭންކްފާޓް، އާރްބީ ލައިޕްޒިގް، ލިޔޯން، އެޓަލަންޓާ، ބްރާގާގެ އިތުރުން ރޭންޖާސްއެވެ.