އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ލިވަޕޫލުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ތަނަވަސް ކުރެވިފައި ނުވެއެވެ.
ދެވަނަ ހާފު ފެށިތާ ދެ މިނެޓްތެރޭ ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މަނޭ ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ބޯޅަ ލިބުނު އިރު އޭނާ އޮފްސައިޑްގައި ހުރުމުން ރެފްރީ ވަނީ އެ ލަނޑު ބަލައި ނުގަނެފައެވެ.
މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ތިއާގޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިއެގޯ ޖޮޓާއެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ހުސް ފުރުޞަތެއް އާސެނަލްގެ މާޓިން އޮޑެގާޑަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.
ލިވަޕޫލުން ކާމިޔާބުކުރި ދެވަނަ ލަނޑު 62 ވަނަ މިނެޓުގައި އެންޑީ ރޮބާޓްޝަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮބާޓް ފިރްމީނޯއެވެ.
މި މޮޅާއިއެކު ލިވަޕޫލަށް ވަނީ ކުޅުނު 29 މެޗުން 69 ޕޮއިންޓް ލިބިފައެވެ. މިވަގުތު އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް 29 މެޗުން ލިބިފައި ވަނީ 70 ޕޮއިންޓެވެ. ދެ ޓީމުގެ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަވުމާއިއެކު ލީގުގެ ފަހު މެޗުތަކުގެ ވާދަވެރިކަން ބޮޑުވެގެން ދާނެއެވެ. މި މެޗުން ބަލިވި އާސެނަލްއަށް ކުޅުނު 27 މެޗުން ލިބިފައި ވަނީ 51 ޕޮއިންޓެވެ. އެ ޓީމް އޮތީ ތާވަލުގެ ހަތަރު ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!