ނިންޖަކީ ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ނުހަނު މުހިންމު އެއްޗެއްކެވެ. ދުވާލު އަވަދު ނެތި އުޅުމަށްފަހު ރޭގަނޑުގެ ހަމަ ނިދި ހޯދުމުގެ މުހިންމުކަން ބޮޑެވެ.
އެންމެ ގިނައިން ގަދަޔަށް ނިދުން ނުވަތަ "ޑީޕް ސްލީޕް" ލިބެނީ ނިދާ ފުރަތަމަ ފަސް ގަޑިއިރުގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ނިދި ހަލާކުވެދާނެއެވެ. އޭގެ ތެރޭގައި ފިކުރުބޮޑުވުމާއި، ހާސްވުން ހިމެނެއެވެ.
ރޭގަނޑުގެ ހަމަހިމޭންކަމުގެ ވަގުތުތަކުގައި، ތަފާތު އެކި ކަންކަމާއި ފިކުރުބޮޑުވުމާއި، ސުވާލު އުފެދުން ސިކުނޑިއަށް ވެރިވާ މިންވަރު އިތުރުވެގެންދެއެވެ. ސަމާލުކަން ގެއްލުވާލައިގެން މެނުވީ އެނދުގައި ދެކޮޅު ދެކޮޅަށް ފުރޮޅެމުން ދާއިރު ސިކުނޑީގައިވާ މިފަދަ ފިކުރުތަކާއި ދުރުހެލިވުމަކީ އުނދަގޫކަމެކެވެ. އަދި މިކަން އިތުރަށް ގޯސްވާ އެއް ސަބަބަކީ އިރު އިރުކޮޅާ ގަޑި ބަލައި އެ ވަގުތު ނިދައިފި ނަމަ ބާކީ ތިމާއަށް ލިބޭނީ ކިތައް ގަޑިއިރުގެ ނިދިތޯ ހިތާ ހިތުން ހިސާބުކުރުމެވެ.
ނިދި ގެއްލުން ނުވަތަ ނިދި ހަލާކުވުމަކީ ކޮންމެ މީހަކަށް ވެސް ހަޔާތުގެ ކޮންމެވެސް ހިސާބަކުން ކުރިމަތިވާކަމެކެވެ. ނަމަވެސް ނިދުމުގައި ދިމާވާ މިފަދަ އުނދަގޫތަކާއި މައްސަލަތަކީ ޙައްލު ކުރެވޭނެ ކަންތައްތައްކެވެ. ނިދުމުގައި ދިމާވާ މިފަދަ މައްސަލަތައް ޙައްލުކުރުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާކަމެކެވެ.
ދިރާސާތަކުން ދައްކާގޮތުގައި ރޭގަނޑުގެ ހަމަ ނިދި ލިބޭ މިންވަރަކީ ދުވާލު އެމީހާގެ ޖަޒްބާތުތައް ހުންނަ ގޮތް ކަނޑައެޅުމުގައި އަސަރުކުރާ ކަމެކެވެ. ކަންކަމާއި ކުރިމަތިލުމުގައި ޕޮޒިޓިވްކޮށް ނުވަތަ ހެޔޮކޮށް ވިސްނުން ގެންގުޅުމަށްޓަކައި ހަމަ ނިދި ހޯދުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން އިތުރުވެއެވެ.
މި ހުރިހާކަމެއްގެ ތެރެއިން ދޭން އޮތް ހެޔޮ ޚަބަރަކީ، ނިދުމުގައި ދިމާވާ މިފަދަ މައްސަލަތަކުން އަރައިގަތުމަށް އުކުޅުތަކެއް ވާކަމެވެ.
އެގޮތުން މިލިއުމުގައި މި ހިއްސާކޮށްލަނީ އިންސޮމީނިޔާގެ ސަބަބުން ނިދަން އުނދަގޫވާ މީހުންނަށް ގޭގައި ތައްޔާރު ކޮށްލެވޭނެ ބުއިމެކެވެ. ދޮންކެޔޮ ސަައި ކައްކާނެ ގޮތެވެ. ދޮންކޭލަކީ ގިނަ އަދަދަކަށް މެގްނީޒިޔަމް އެކުލެވޭ މޭވާ އެކެވެ. މެގްނީޒިޔަމް އަކީ އަރާމުކޮށްދީ ނިދުމަށް އެހީވެދޭ މިނެރަލް އެކެވެ.
ދޮންކެޔޮ ސައި ކައްކާނެ ގޮތް:
ދޮންކެޔޮތައް ރަންގަޅަށް ދޮވެލާށެވެ. (ކެމިކަލް ޖަހަައިގެން ހައްދާފައިވާ ދޮންކެޔޮ ބޭނުން ކުރުން އެދެވިގެން ނުވެއެވެ.) އެއަށްފަހު ދޮންކޭލުގެ ދެކޮޅު ބުރިކޮށްލާށެވެ. ސައިޒަށް ބެލުމަށްފަހު ތިނެއް ނޫނީ ހަތަރު ފަޅިއަށް ކޮށާލާށެވެ. ކޮށާއިރު ކޮށަން ވާނީ ދޮންކެޔޮ ތޮއްޓާއި އެކީ އެވެ. އެއަށްފަހު 10 މިނެޓް ވަންދެން ފެން ތެއްޔަކަށް އަޅާ ކައްކާށެވެ. ކައްކާ ނިމުމުން ފުރާނާލާފައި ފެން ފޮދު ނަގާށެވެ. ރަހަ މީރުކޮށްލަން ބޭނުން ނަމަ މުގުރާފައި ހުރި ފޮނިތޮށި (ސިނަމަން) ކޮޅެއް އެއްކޮށްލެވިދާނެ އެވެ. ދޮންކެޔޮތަށް އުކާލާނެކަމެއް ނެތެވެ. ކާލާށެވެ. މީރު ވާނެ އެވެ.
މިކިޔައި ދެވުނީ ދޮންކެޔޮ ސައި ކައްކާނެ ގޮތެވެ.
މީގެ އިތުރުންވެސް، ނިދާ ހޭލާއިރުވެސް ވަރުބަލިވެފައި ހުންނަ ހުރުމަށް ނިމުމެއް ގެނައުމަށް އަދި ރޭގަނޑު ހަމަ ނިދި ހޯދުމަށް ނުވަތަ ފަސޭހައިން ނިދުމަށް ތިރީގައިވާ ގޮތްތައްވެސް ތަޖުރިބާ ކޮށްލާށެވެ.
- މެންދުރުފަހުން ފެށިގެން ހަށިގަނޑާއި ސިކުނޑި ހަމަޖައްސަން ފެށުން
- ދުވަހުގެ ކުރީ ކޮޅު ގޭގައި ތިބޭ އިރުވެސް ކަސްރަތުކޮށްގެން ތިމާގެ ހަށިގަނޑު ވަރުބަލިކޮއްލާ.
- ނިދާ ގަޑީގެ 4 ގަޑިއިރާއި 6 ގަޑިއިރު ކުރިން ކޮފީ އަދި ނިކޮޓިން ފަދަ ތަކެތި ބޭނުންކުރާ މިންވަރު މަދުކޮއްލާ.
- ނިދުމުގެ 2 ގަޑިއިރު ކުރިން އެއްވެސް އިލެކްޓްރޯނިކް ޑިވައިސެއް ބޭނުން ނުކުރޭ. ސްކްރީންގެ ލައިޓާއި އެޕްލިކޭޝަންތައް ފަރުމާކޮށްފައިވަނީ ސިކުނޑި އިތުރަށް ސަމާލުވާ ޒާތުގެ ހޯރމޯން އިތުރުވާގޮތައް.
- ނިދާގަޑީއާ ކާރިކޮށް އެއްކަހަލަ އާދައެއް ގެންގުޅޭ
- ދުވާލު ގަޑީގައި ނިދުމާ ދުރުހެލިވޭ.
- ނިދަން އޮށޯތުމުގައި އާދަކޮށް ކުރާނެ ކަންތައްތަކެއް ކަނޑައަޅާ. މީގެ ތެރޭގައި ވަކި ގަޑިޔަކަށް ނިދުމާއި ހޭލުމަށް އާދަކުރޭ.
- އެނދަކީ، ފޮތް ކިޔުމަށާއި ޓީވީ ބެލުމަށް އަދި ފޯނާ ކުޅުމަށް ބޭނުންކުރާ ތަނެއްކަމުގައި ނުހަދާ، އެނދުގައި އޮށޯންނަނީ ހަމައެކަނި ނިދުމަށް ކަމުގައި ހަދާ.
- ނުނިދޭ ނަމަ ނުވަތަ ނިދި ނާންނަ ނަމަ އެނދުން ތެދުވޭ
- ނިދަން އޮށޯންނަތާ 20 މިނެޓް ވާއިރު ވެސް ނުނިދޭ ނަމަ ނުވަތަ ނިދި ނާންނަ ނަމަ އެނދުން ތެދުވެލާ. ކޮޓަރި ތެރޭގައި އަލި މަޑު ކޮއްލައިގެން އަވަހަށް ފޫހިވާޒާތުގެ ކޮންމެވެސް ކަމެއް ކޮއްލާ. އަދި ފޫހިވުމުން އަލުން ނިދޭތޯ މަސައްކަތްކޮއްލާ. މިކަން މިގޮތަށް އާދަކުރުމަށް ދުވަސްކޮޅެއް ނަގާފާނެ. ނަމަވެސް ހުއްޓާ ނުލާ ކުރާ ނަމަ ކާމިޔާބުވާނެ.
- ނުނިދޭ ނަމަ ބޮލުގައިވާ ޚިޔާލުތައް ގަނޑެއްގައި ލިޔެލާ. ފުރަތަމަކޮޅު، ނިދި ރަނގަޅު ކުރުމަށް މަސައްކަތްކުރުމަކީ ބޭކާރުކަމެކޭ ހީވެދާނެ. މިކަމުން އަރައިގަތުމަށް ގިނަ ގިނައިން ހަމަ ނިދި ހޯދުމުގެ މުހިންމުކަން އަމިއްލަ ނަފްސައް ވިސްނައިދެވިދާނެ.
މަތީގައިވާ އުކުޅުތަށް ބޭނުންކޮށްގެން ހަމަ ނިދި ހޯދެނީ ކިހާވަރަކަށްތޯ އަޖުމަ ބަލާލުން ރަނގަޅެވެ. އަދި މި އުކުޅުތަކުންވެސް ނިދުމަށް އެއްވެސް އެހީތެރިކަމެއ ނުލިބޭ ނަމަ ކަމާގުޅޭ މާހިރެއްގެ އިރުޝާދު ހޯދަންވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!