އިންޑިއާ މާކެޓުގައި ރާއްޖެ އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށް އެ ގައުމުގައި ބާއްވާ ފަތުރުވެރިކަމާ ގުޅުންހުރި އެންމެ ބޮޑު އެއް ފެއަރ، އޯޓީއެމް މުމްބާއީގެ ކަންޓްރީ ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ބައިވެރިވެއްޖެއެވެ.

އިއްޔެ ފެށި އެ ފެއާ ކުރިއަށްދާނީ މާދަމާގެ ނިޔަލަށް މުންބާއީގެ ބޮންބޭ އެގްޒިބިޝަން ސެންޓަރުގައެވެ. އެ ފެއާއަކީ އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައްދަލުކުރުމުގެ ފުރުސަތު އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އެއް ހަރަކާތެވެ. މިއީ އިންޑިއާގައި ބާއްވާ ބައިނަލްއަޤްވާމީ ފެންވަރުގެ މިފަދަ އެންމެ ބޮޑު ހަރަކާތްވެސްމެއެވެ.

Ad
rt

އެ ފެއާގައި 55 ގައުމަކުން 1،100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ. އޯޓީއެމް 2022 ގެ ތިން ދުވަހުގެ ތެރޭގައި މި ހަރަކާތަށް 30،000 ވުރެ ގިނަ ޓްރޭޑް ވިޒިޓާޒް ޒިޔާރަތްކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އޯޓީއެމްގެ ތެރެއިން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބް ވަނީ ޕެންޑަމިކްގެ ރިކަވަރީގައި އިންޑިއާގެ އައުޓްބައުންޑް މާކެޓް ކުޅޭ މުހިންމު ރޯލުގެ މައްޗަށް އަލިއަޅުވާލާ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވެސް ވާހަކަދައްކަވާފައެވެ. އަދި އޯޓީއެމްގެ ތެރެއިން އިންޑިއާގެ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީ، ވަން އަބަވް އެޖެންސީއިން ވަނީ އެމްއެމްޕީއާރުސީއިން އިންޑިއާ މާކެޓުގައި ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން "ފްރެންޑް އޮފް އިންޑިއަން އައުޓްބައުންޑް ޓްރެވަލް ފްރެޓާނިޓީ"ގެ ނަމުގައި ހާއްސަ އެވޯޑެއް ވެސް ދީފައެވެ.

އެ ފެއާގެ ތެރެއިން ރާއްޖޭގެ އުތުރުގެ ފަތުރުވެރިކަ ް ފުޅާ ކުރުމަށް އިންވެސްޓަރުނއ ހޯދަން މިއަދު ހާއްސަ ހަރަކާތެއް ކުރިއަށްދާނެއެވެ. އަދި ރާއްޖެއަށް ލިބޭ ވިޒިބިލިޓީ އިތުރުކުރުމުގެ ގޮތުން މާދަމާ އެމްއެމްޕީއާރުސީއިން ބައިވެރިވާނީ ޕާޓްނަ ކަންޓްރީގެ ގޮތުގައެވެ. މީގެ ސަބަބުން ރާއްޖެއަށް އޮންލައިން އަދި އޮފްލައިންކޮށް މަންޒިލް އިތުރަށް އިޝްތިހާރުކުރުމުގެ ފުރުސަތުތައް ލިބިގެންދާނެއެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ. އާ ވޭރިއަންޓާ ގުޅިގެން މިއަހަރު އެ ގައުމު ލިސްޓުގެ ދެވަނައިގައި އޮތް ނަމަވެސް މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައީ އެ ގައުމުންނެވެ.