ހދ. ނޭކުރެންދޫ އަށް އުފަން ޤާސިމް މުޙައްމަދު ނުވަތަ ތައުލީމީ ދާއިރާގެ ނަމުން ނަމަ "ގާބެ ސަރ" އަކީ ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި މުދައްރިސެއްގެ ގޮތުން މަސައްކަތްކުރެއްވުމުގެ އިތުރުން "އިސްލާމް" މާއްދާއިން ދަރިވަރުން އެސްއެސްސީ އިމްތިޙާނު ފަދަ ބޮޑެތި އިމްތިހާނު ތަކަށް ތައްޔާރު ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގެ، އެކިރަށްރަށުގައި އެތައްސަތޭކަ ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ބުރަ މަސައްކަތް ކޮށްދެއްވާފައިވާ ލާމަސީލު ނަމޫނާއެކެވެ.

ތައުލީމީ ދާއިރާގައި އުނގަންނައިދިނުމުގައި ގާބެ ސަރ މި މަސައްކަތުގައި މިއަހަރާއި ހަމައަށް 26 އަހަރު ހޭދަކުރަށްވާފައިވާއިރު އޭނާގެ މިންނެތް މަސައްކަތް، ރާއްޖޭގެ އުތުރަށާއި، މެދުރާއްޖެ ތެރެއަށާއި، އަދި ދެކުނަށް ބަލައިލި ކަމުގައި ވިޔަސް ފެނިގެންދެއެވެ.

Ad
rt

ގާބެ ސަރގެ ފޭސްބުކް ޕޯސްޓަކުން ބަދަލެއް ގެނައިކަމުގެ މެސެޖު

ކިޔަވައިދިނުމުގެ ވަޒީފާގައި އުމުރުގެ ގިނަދުވަސްތަކެއް ހޭދަކުރުމީ ގާބެ ސާރ ވަރަށް ކުޑައިރުންސުރެ ދެކެމުން އައި ހުވަފެނެކެވެ. ޢުމުރުގެ ބޮޑުބައެއް ތަޢުލީމީދާއިރާގައި ހޭދަކުރެއްވުމަށްފަހު، މިއަދު ގާބެ ސާރ، އޭރުކުރި ފޮނި އުއްމީދުތަކާއި ދުރަށް ޖެހިލާން މި ޖެހުނީ ކޮންސަބަބެއް މެދުވެރިވެގެންބާވައެވެ؟

ދާދި ފަހުން ގާބެ ސާރ ފޭސްބުކް ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ. "މިއަދު މި ގެނައީ ވަރަށް ބޮޑު ބަދަލެއް! އަލްޙަމްދު ލިﷲ". އެ ޕޯސްޓަށްފަހު މާގިނަ އިރުތަކެއްނުވެ ދެން ލިޔުއްވީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގައި ވަޒީފާ އަދާކުރަން ފެއްޓިކަމަށެވެ.

"ޕޯސްޓް ފެނިފައި ކުއްލި ސިހުމެއް ލިބުނު، ގާބެ ސާރ އަށް ގުޅާލިން، ކަންކަން ދިޔަގޮތް ކިޔައިދިނުމަށް ފަހު މީސް މީޑިއާ ނުވަތަ އެނޫންވެސް މީޑީއާ ވަސީލަތަކަށް އެވާހަކަ ތިލަ ނުކުރަން ސަރ އެދިލެއްވި، އަދި މިހާރު އަދާކުރާ ވަޒީފާއަކީ ތައުލީމީދާއިރާ ދޫކޮށްލި ހުރިހާ ސަބަބެއް ފިނިކޮށްލައި، ހިތުގައި ޤައުމީ އަދި ދީނީ ލޯބި އިންތިހާއަށް އިތުރުކުރުވި ސަބަބެއްކަމަށް ވިދާޅުވި" ގާބެ ސަރގެ ފޭސްބުކް ޕޯސްޓާއި ގުޅިގެން އޭނާއަށް ގުޅި ދަރިވަރަކު ކިޔައިދިނެވެ.

"މި ގެނައި ޗޭންޖަކީ ހަމަ ވަރަށް ނައިސް ޗޭންޖެއް، އަސްލު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ޢުމުރުގެ ދުވަސްތައް އިތުރަށް ހޭދަކުރާކަށް ދެންބޭނުމެއްނޫން. އެޑިޔުކޭޝަން ސެކްޓަރ ގައި މަސައްކަތްކުރުމަށްވުރެ މިއަދު މިގެނައި ބަދަލަކީ މާމުހިންމު ޤައުމީ ވާޖިބެއް." އާ ދާއިރާއެއް ޚިޔާރުކުރައްވައި، ގާބެ ސަރ ވިދާޅުވީ މިހެންނެވެ.

ގާބެ ސަރ: އެދުރެއްގެ އަގުހުރި ޚިދުމަތްތަކެއް

2006 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް މިއަދާއި ހަމައަށްވެސް ގާބެ ސާރ ގެންދެވީ އިސްލާމް މި މާއްދާއިން، ދަރިވަރުން އިމްތިހާނުތަކަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ވޯރކްޝޮޕްތަކެއްގެ ގޮތުގައި ފެއްޓި މި މަސައްކަތުގެ ފެށުމަކަށް ވެގެން ދިޔައީ ހަނިމާދޫ ސްކޫލަށް ކުރި ދަތުރެކެވެ. އެއަށްފަހު ގާބެ ސަރ ދާއިރާ ދޫކޮށްލުމާއި ހަމައަށް ޖުމްލަ 138 ކޭމްޕެއް ހިންގާފައިވާއިރު، ރާއްޖެ ތެރޭގެ ހުރިހާ އަތޮޅެއްގައި މިހާރު ވަނީ މި ކޭމްޕް ހިންގާފައެވެ.

ނިސްބަތުން ބަލާއިރު އުނގަންނައިދިނުމަށް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަކަށް ގާބެ ސަރ ވަނީ ދަތުރުކުރަށްވާފައެވެ. އެހެންކަމުން އެސްއެސްސީ އިމްތިހާނުން އިސްލާމް މާއްދާއިން ރަން ވަނަތަށް ހޯދާ ދަރިވަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުވުމުގައި ގާބެ ސަރގެ މި މަސައްކަތުގެ ދައުރު ބޮޑެވެ.

އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމަށް ދަތުރުތައް ކުރުމުގައި 16 އަހަރު، އެވޯޑެއް އިނާމެއް ނުލިބޭ!

ކޮންމެ އަހަރަކު މިފަދަ އެތައް ވޯރކްޝޮޕްތަކެއް ގާބެ ސާރ ހިންގަމުން ގޮސް މި މަސައްކަތާއި ދުރަށް ވަޑައިގެންނެވުމާއި ހަމައަށް 16 އަހަރު ވަނީ ހޭދަކޮށްފައެވެ. ނަމަވެސް ޚިދުމަތާއި ވަކިވުމާއި ހަމައަށް ވެސް ގާބެ ސާރގެ މި ބުރަ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން އެއްވެސް ކަހަލަ އެވޯޑެއް އަދި އިނާމެއްވެސް ލިބިފައެއް ނުވެއެވެ.

ކުޅިވަރު މުބާރާތްތަކުން ވަނައެއް ހޯދުމުން ބޮޑެތި ޢަދަދުތަކުން ފައިސާ ޚަރަދުކޮށް ފާހަގަ ކުރަމުން ދާއިރު، ތަޢުލީމީ ދާއިރާއަށް ޚިދުމަތްކޮށް، ކޮންމެ އަހަރަކު އެތައްސަތޭކަ ކުދިންނަށް އެސް.އެސް.ސީ އިމްތިޙާނަށް ފައްކާކުރަމުން އަންނަ ޓީޗަރެއްގެ މިފަދަ ބުރަ މަސައްކަތްތަކެއްގެ އަގުވަޒަންކުރުން ރަނގަޅުނޫންބާއޭ މިއީ ހަމަކޮށްލަން އެންމެ ރަނގަޅު ސުވާލެއް ނޫންތޯއެވެ؟

"ޙަޤީގަތުގަ އެހާ ގިނަ ޚިދުމަތްތަކެއް ކޮށްދިން އިރުގައި މިނިސްޓްރީއަކަށް އަސްލު ނޭނގޭ ޚިދުމަތެއް ކުރާ މީހެއް ކަމެއް. މިސާލަކަށް ވޯރކްޝޮޕްތަކާއި ސްޓަޑީ ކޭމްޕްތައް ހިންގަދީ މި ހުރިހާ ކަމެއް ކުރާއިރު މިނިސްޓްރީއަކުން އަކަމުގެ އަގުވަޒަނެއް ނުކުރޭ." ގާބެ ސަރ އަސަރާއި އެކު ވިދާޅުވިއެވެ.

ތައުލީމީދާއިރާ ދޫކޮށް އެހެން ދާއިރާއަކުން ޤައުމީ ޚިދުމަތަށް

އިސްލާމް މާއްދާއިން މާސްޓާރސް ނަންގަވައިގެން ހުންނެވި ގާބެ ސަރ އެންމެ ފަހުން އަދާކުރެއްވީ ރެހެންދި ސްކޫލްގެ އިސްލާމް ޓީޗަރެއްގެ ވަޒީފާއެވެ. އެ ސްކޫލްގެ ސީނިއަރ ލީޑިންގ ޓީޗަރެއްގެ މަގާމު ވެސް 6 އަހަރު ވަންދެން ފުރުއްވިއެވެ.

ޓީޗަރެއްގެ ގޮތުގައި ގިނަ ސްކޫލްތަކެއްގައި މަސައްކަތް ކުރައްވައި، ދާއިރާއިން ވަކިވުމާއި ހަމައަށް، ވަޒީފާ އަދާކުރަމުންދިޔަ އެއްވެސް ސްކޫލެއްގައި ކިޔަވައިދިނުމުގެ ރަސްމީ ގަޑިއަކަށް ބުރުއަރާގޮތައް އެއްވެސް ކޭމްޕެއް/ ވޯރކްޝޮޕެއް ހިންގާފައިނުވާނެ ކަމަށް އޭނާ ވިދާޅުވެއެވެ. އަދި ކިޔަވައިދިނުމުގެ ޙަޔާތުގައިވެސް އުންގަންނައިދިނުމުގެ ބޭރުން އިސްލާމް ޑިޕާރޓްމަންޓުން ހިންގާ އެއްވެސް އިވެންޓެއްވެސް މިސްކޮށްލާފައި ނުވާނެ ކަން ފާހަގަ ކުރެއްވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ތެރޭގައި ރަނގަޅުކޮށްލަން ހުރި ކަންކަމާގުޅޭގޮތުން ގާބެ ސާރގެ ޚިޔާލަކީ، ރަނގަޅު ޓީޗަރުން ދާއިރާގައި ހަރުލެއްވުމަށް ބޭނުންވާނަމަ، އެންމެ ފުރަތަމަވެސް އެޑިޔުކޭޝަން މިނިސްޓްރީން ޓީޗަރުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރަން ޖެހޭކަން ފާހަގަ ކުރެއްވިއެވެ.

ޓީޗިންގ ދާއިރާގައި މަސައްކަތް ކުރާ ސެކަންޑަރީ ޓީޗަރުންގެ މުސާރަ ބޮޑު ކުރަން މިހާ ގާތްވެފައިވާއިރު، މި ވަޒީފާ ދޫކޮށްލީ ކީއްވެތޯ ސުވާލުކޮށްލުމުން ސަރ ވިދާޅުވީ "އަސްލުގަ މިވަގުތު ޓީޗިންގ ދާއިރާ ދޫކޮށްފަ ސާރ ނިކުތީމަ މިނިސްޓްރީއަށް އެބަ އެނގެންޖެހޭ، ޓީޗަރުން މަސައްކަތް ކުރަނީކީ ހަމައެކަނި ލިބޭމުސާރައަށް ބަލައިގެން ނޫންކަން. ހިތްހަމަޖެހުން، ކުރާ މަސައްކަތުގެ އަގުވަޒަންކުރުން މާމުހިންމު. ޙަޤީޤަތުގައި އެޑިޔުކޭޝަން ގެ ވަޒީފާއިން ނުކުމެ މިވަންނަނީ އެއަށްވުރެ މާ މުހިންމު، މާޒިންމާދާރު ވަޒީފާއަކަށް. މިއަދު ދިވެހި ޤައުމުގެ ޤައުމީ މަސްލަޙަތަށްޓަކައި ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ޚިދުމަތް އެދާއިރާއަކަށް ނުހަނު ބޭނުންޖެހިފައިވާ ދާއިރާއަކަށް."

މިދިޔަ މަސްތެރޭ ސްކޫލް ޓީޗަރެއްގެ ގޮތުން އިސްތިއުފާ ދެއްވި ގާބެ ސާރ މިހާރު އަދާކުރަށްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ރީއިންޓަރގްރޭޝަން ސެންޓަރުގެ އެޑިޔުކޭޝަން ޑިރެކްޓަރގެ މަޤާމެވެ. ގާބެ ސަރ ވިދާޅުވީ މިއީ ވަރަށް ޝަޢުޤުވެރި ވަޒީފާއެއްކަމަށާއި، ސްކޫލްގެ ދޮރުން ނުކުމެ، ސްކޫލުން ބޭރުގައި މަސައްކަތް ކުރަންފެށުމުން ތަފާތު އިޙްޞާޞް ކުރެވޭކަމަށެވެ.

"ދެން ވިސްނުމަކުނެތް ދުވަހަކުވެސް ސްކޫލް ޓީޗަރެއްގެ ވަޒީފާއަށް އެނބުރިދާކަށް. ޓީޗަރެއްގެ ވަޒީފާ ގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރީ ވަރަށް ޝަޢުޤުވެރިކަމާއެކު. އެކަމަކު 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ސްކޫލުން ނިކުންނަން ވިސްނަމުންދިޔައީ" ގާބެ ސަރ ވިދާޅުވިއެވެ.

ތައުލީމީ ދާއިރާ ދޫކޮށްލެއްވި ނަމަވެސް އުފާވެރި ޚަބަރެއް ދެއްވި

ނޭކުރެންދޫ މަދަރަސާއިން ތަޢުލީމީ ޙަޔާތް ފެށި ގާބެ ސާރ ވަނީ ސާރގެ މަސައްކަތުގެ އަގު ވަޒަންކުރާބަޔަކަށް ވަރަށް އުފާވެރި ޚަބަރެއް ދެއްވާފައެވެ. ގާބެ ސާރ ވިދާޅުވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޓީޗަރެއްގެ ވަޒީފާއިން ވަކިވިކަމުގައި ވިޔަސް، ސްޓަޑީ ކޭމްޕްތައް ކުރިއަށް އޮތްތާވެސް ހުއްޓުމެއްނެތި، ކުރިއެކޭވެސް އެއްފަދައިން ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

"މިނިސްޓްރީ އޮފް އެޑިއުކޭޝަން ބެލުމުގެ ދަށުން ހިނގާ، ޓީޗަރެއްގެ ވަޒީފާ އަދާކުރުން ދޫކޮށްލި ނަމަވެސް، ހަމަ ކުރިއެކޭ އެއްފަދައިން ކޭމްޕްތައް ކުރިން ގެންދާނަން. އެކަމުގެ ފުރިހަމަ ޔަޤީންކަން ދެން" މިކަމާއި ގުޅޭގޮތުން ގާބެ ސާރ ވިދާޅުވިއެވެ.

ސްޓަޑީ ކޭމްޕްތައް ހިންގުމުގެ އިތުރުން ގާބެ ސާރ މިހާރު އަންނަނީ މި ދާއިރާއިން މީހުން އުފެއްދުމުގެ މަސައްކަތަވެސް ހަލުވިކަމާއި އެކު ކުރަމުންނެވެ. އެގޮތުން ސާރ ހިންގާ ވޯރކްޝޮޕްތަކުގައި ޓީޗަރުން ބައިވެރިކޮށް، ކުރިއަށް އޮތްތަނުގައި މިފަދަ ވާރކްޝޮޕްތައް ހިންގާނެ ޓީޗަރުން ތަމްރީނުކުރުމުގެ މަސައްތްވެސް މިހާރު ދަނީ ކުރަމުންނެވެ. "އެ ޓީޗަރުން މިއަހަރުގެ ތެރޭގައި މައިދާނަށް ނުކުންނާނެ! އިންޝާ ﷲ!" ގާބެ ސަރ ވިދާޅުވިއެވެ.

ދަރިވަރުންގެ ޝުޢޫރު

އެސް.އެސް.ސީ އިސްލާމް މާއްދާއަށް ދަރިވަރުން ތައްޔާރުކުރުމުގައި ގާބެ ސަރ އަކީ ރާއްޖޭގައި ހުރި އެންމެވަރުގަދަ ތަނބޭ ބުނުމަކީ އެހެންޓީޗަރުންނަށް ކުރެވޭ ބޭއިންސާފަކަށް ނުވާނެއެވެ. އަހަރުގެ ހުރިހާ ހަފުތާ ބަންދު ތަކެއްހެން އުޅުއްވާނީ ރާއްޖޭގެ ކޮންމެވެސް ސްކޫލެއްގައި ސްޓަޑީ ކޭމްޕެއް ހިންގުމުގައެވެ. ދަރިވަރުންނާއެކު ހޭދަކުރައްވާ ވަގުތުތަކަކީ ދަރިވަރުންވެސް ނުހަނުގަޔާވާ، ދަރިވަރުންނަށް ނުހަނު ފައިދާކުރަނިވި ވަގުތުތަކެކެވެ.

"ދަރިވަރެއްގެ ޙައިޞިއްޔަތުން އެއްޗެއް ބުނެލާނަމަ ބުނެލަން ބޭނުންވަނީ ގާބެ ސަރ ފެންވަރުގެ އިސްލާމް ޓީޗަރެއް ހަމަ މަދުވާނެކަމަށް. އަޅުގަނޑަކީ ސަރ ގެ ދަރިވަރެއްކަމުގައިވާތީ، މިހެން ބުނުމުގެ ޙައްޤު އަޅުގަނޑަށް ލިބިގެންވެއެވެ. ޓެސްޓަށް ދަރިވަރުން ތައްޔާރުކުރުމަށާއި ދޭހަވާ މާނަ ނަގާނެގޮތް ކިޔައިދޭކަށް މި ރާއްޖެއަކުން ގާބެ ސަރ ވަރެއް ހަމަ ނޯންނާނެ. " ދަރިވަރަކު ގާބެ ސާރ އާއި ގުޅުވައިގެން ބުންޏެވެ.

ޝުކުރުގެ ލިސްޓް ދިގު

އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގެ ރައްޔިތުންގެ ލޯބި ހޯދާފައިވާ ތިލަދުންމަށްޗަށް އުފަން ގާބެ ސާރގެ ވާހަކަތަށް ނިންމާލީ ވަރަށް ގިނަ ބަޔަކަށް ޝުކުރު އަދާކުރާ ޙާލުގައެވެ. އެގޮތުން އެންމެ ފުރަތަމަ ގާބެ ސާރ ޝުކުރު އަދާކުރީ ލޯބިވާ އަންހެނުންނަށާއި ދަރިފުޅަށެވެ. ސާރ ކުރާ ކޮންމެ ކަމެއްގައި އެންމެ ގާތުގައި ސާރއާއި އެކު އަބަދުވެސް ހުންނަ ދެ ފަރާތް ގޮތުގައި އެ 2 ފަރާތް ފާހަގަކުރިއެވެ.

އަދި ހަމަ އެހެންމެ ޢާއިލާގެ އެހީތެރިކަންވެސް ވަރަށް ރަނގަޅަށްލިބޭކަމަށް ވިދާޅުވިއެވެ. އެއަށްފަހު ޓީޗިންގ ގެ މި ދާއިރާއަށް، ސާރ ވަނުމަށް މަގުފަހި ކޮށްދިން ދެ ފަރާތެއްގެ ނަން ޙާއްސަކޮށް ނޭކުރެންދޫ ސްކޫލްގެ 2 ޓީޗަރުން ކަމަށްވާ ޙައްވާ ޝިމާނާ މިސްއާއި އަދި ޢާއިޝަތު ޝަމީހާ މިސްގެ ނަން ޙާއްސަ ކޮށްލިއެވެ.

ޓީޗިންގ ދާއިރާގައި ކުދިންނަށް އުނގަންނައިދީ، ދާއިރާގައި އެންމެހާ ކަންކަން ކުރަން ދަސްކޮށްދިން 2 ޓީޗަރުންގެ ގޮތުގައި މި ދެ ޓީޗަރުންގެ ނަން ޙާއްސަ ކުރިއިރު، ސާރ ޤަބޫލްކުރާ ގޮތުގައި މި ދާއިރާއަށް ޙިދުމަތް ކުރަން ފެއްޓުމުގެ އަސްލަކީ އެ 2 ޓީޗަރުންނެވެ.

އެއަށްފަހު ސާރ އެންމެ ފަހުން ވަޒީފާ އަދާކުރި ސްކޫލް ކަމަށްވާ ރެހެންދީ ސްކޫލްގެ މެނޭޖްމަންޓަށާއި އެ ސްކޫލުގެ ދަރިވަރުންގެ އިތުރުން އެ ސްކޫލްގެ ބެލެނިވެރިންނަށް ޝުކުރުއަދާކުރިއެވެ. އެއަށްފަހު އެންމެ ބޮޑަށް ގާބެ ސާރ ފާހަގަ ކުރީ، މިހާތަނަށް ސްޓަޑީ ކޭމްޕް ހިންގުނު ރަށްތަކުގެ ސްކޫލްތަކުގެ މެނޭޖްމެންޓަށާއި، އެ ސްކޫތަކުގެ ދަރިވަރުންގެ އިތުރުން އެ ދަރިވަރުންގެ ހީވާގި، ހިތްހެޔޮ، ހިތްތިރި ބެލެނިވެރިންނަށެވެ. ހަމަ އެއާއިއެކު އެ ރަށްރަށުގެ ޒިންމާދާރު ކައުންސިލްތަކުގެ ފަރާތުންނާއި އެރަށްރަށުގެ އާންމުންގެ ފަރާތުން ލިބިގެންދިޔަ މެހެމާން ދާރީއަށް ވަރަށް ބޮޑަށް ޝުކުރު ދެންނެވިއެވެ.

"ޙަޤީގަތުގަ ބުނަންޏާ ސާރ ބުނާނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ނޫނީ މިނިސްޓަރަކު އެ ރަށްރަށަށް ދިޔާމަ ގެންގުޅޭހާ އިއްޒަތުގައޭ ސާރ ގެންގުޅެނީ." ރަށްރަށުން އަދާކުރާ މެހެމާންދާރީގެ ވާހަކަ ޙިއްސާކުރަމުން ސާރ ކިޔައިދިނެވެ.

ގާބެ ސަރ ޓީޗިންގ ދާއިރާއިން ނުކުތުމަކީ މުޅިދާއިރާއަށް ލިބޭނެ ވަރަށްބޮޑު ފަޅުކަމެއް ކަމުގައި ވަރަށް ގިނަ ބެލެނިވެރިންނާއި ދަރިވަރުން ދެކެއެވެ. ޚާއްޞަކޮށް އިސްލާމް މާއްދާއަށް ބަލައިފިނަމަ ފޫނުބެއްދޭވަރުގެ ބާގަނޑެއް އަޅައިފި ކަމުގައި ބައެއްޓީޗަރުން ވިދާޅުވެއެވެ.

ނޯޓު: މި ރިޕޯޓަކީ، ޤާސިމް މުޙައްމަދު ނުވަތަ ތައުލީމީ ދާއިރާގެ ނަމުން ނަމަ "ގާބެ ސަރ" ތަޢުލީމީ ދާއިރާ ދޫކޮށްލެއްވުމުން، އޭނާ ކައިރިން އުނގެނުނު ދަރިވަރަކު ގާބެ ސާރއާއި އިންޓަވިއުކުރުމަށްފަހު ލިޔެފައިވާ ލިޔުމެއް މި ނޫހާ ހިއްސާކުރުމުން އެ ލިޔުމުން ނަގާފައިވާ ބަޔެކެވެ.