މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް އެހީތެރިވެދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޚާއްޞަ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ނިންމައިފި އެވެ.
މީރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ކަމަށެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަޖެހިފައިވަނީ، ޓެލެފޯން، އީމެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އެހެންނަމަވެސް، އެހީތެރިކަމަށް އެދޭފަރާތްތަކުގެ އަދަދަށް ބަލައި، މީރާގެ ބްރާންޗްތަކާއި ކަލެކްޝަން ސެންޓަރުތައް މެދުވެރިކޮށް ބައެއް ރަށްރަށަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާކަމަށް މީރާއިން ބުނެއެވެ.
2021 ވަނަ އަހަރުގައި 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް" އަށް ހިސާބުތައް ތައްޔާރުކުރުމަށް އިޚްތިޔާރުކޮށްފައިވާ ފަރާތްތަކުން، 2021 ވަނަ އަހަރަށް އެފަރާތުން ހުށަހަޅާ އިންކަމް ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންފުޅުވާނަމަ، މީރާގެ 9821415 ނަންބަރަށް ވައިބަރ މެދުވެރިކޮށް މެސެޖުކުރައްވައިގެން ނުވަތަ މީރާގެ އީމެއިލް 1415@mira.gov.mv އަށް އީމެއިލްކުރައްވައިގެން ނުވަތަ މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައިގެން ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް މީރާއިން ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!