ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުވާކުރި ރިޝްވަތުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އިބްތިދާއީ މަރުހަލާގައި މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާއިރު ހެކިތަކުގެ އެންމެ ފުނަށް ވަޒަން ކުރަން ނުޖެހޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ.
މަހްލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ނިންމުމުގައި ހެކިތަކުގެ ފުނަށް ވާސިލްވެ، އެ ހެކިތަކުން ނެެރެވޭނެ ނަތީޖާ އާއި ހެކިތަކުގައި ހުރި ތަފާތުތަކަށް ވެސް ދަށު ކޯޓުން ބަލާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެގޮތަށް އެ މަރުހަލާގައި އަމަލުކުރާ ނަމަ ދެން ހުރި މަރުހަލާތަކުގެ ބޭނުން ކެނޑޭނެ ކަމަށް ދައުލަތުން ބުންޏެވެ.
މަހްލޫފްގެ ވަކީލުން ވިދާޅުވީ ހެކިތަކުގެ އެންމެ ފުނަށް ދަށު ކޯޓުން ގޮސްފައިނުވާ ކަމަށާއި ކޯޓުން ރިއާޔަތްކުރީ އެހާތަނަށް ފެންނަން ހުރި ކަންކަމަށް އެކަނި ކަމަށެވެ. އަދި މިހާތަނަށް ފެންނަން ހުރި ހެކިތަކުން މަހްލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާ ކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް މަހްލޫފްގެ ވަކީލުން ވިދާޅުވި އެވެ. ދައުލަތުން ބުނާހާ ފަސޭހައިން އެ މަރުހަލާގައި އެކަން ނިންމޭ ނަމަ، މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިިންމުމުގެ ބޭނުމެއް ނެތް ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ
އެ އަޑުއެހުމުގައި މަހްލޫފް ވިދާޅުވީ އޭނާގެ މައްޗަށް ދައުވާކުރަނީ ޕީޖީ ހުސައިން ޝަމީމް ޒާތީ ވެގެން ކަމަށެވެ. އޭނާގެ ޕާސަނަލް އެސިސެންޓް އަޒްމޫން އަހުމަދާއި ޝަމީމާ ދެމެދު ބަދަލުކުރި މެސެޖްތަކަކާ ހަވާލާދީ މަހްލޫފް ވިދާޅުވީ އެއީ ޒާތީވެފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށެވެ. އަދި މައްސަލާގައި ދައުވާކުރީ ހަ މަސް ވަންދެން ޕީޖީ އޮފީހުގައި މައްސަލަ ބޭއްވުމަށްފަހު އަދި ދައުވާ ކުރެވެން ނެތް ކޮމެޓީން ފުރަތަމަ ނިންމުމުން އެ ކޮޮމެޓީ އުވާލުމަށްފަހު ކަމަށް މަހްލޫފް ތުހުމަތުކުރި އެވެ.
އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!