އުތުރުގެ ޓޫރިޒަމް ފުޅާކުރުމަށް، އިންވެސްޓު ކުރާނެ ފަރާތްތައް ހޯދުމަށް މުމްބާއީގައި ފޯރަމެއް ބާއްވަން ނިންމައިފި އެވެ.

މިއީ، ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގުޅިގެން މުމްބާއީގެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް ބާއްވާ ފޯރަމެކެވެ.

Ad
rt

އެމިނިސްޓްރީއިން މިއަދު ބުނެފައިވަނީ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މާރޗް މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި މި ފޯރަމް ބޭއްވިގެންދާނީ އިންޑިއާގެ މުންބާއީގައި މިމަހުގެ 14 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އައުޓްބައުންޑް ޓްރެވެލް މާޓް (އޯޓީއެމް) ގެ ހަވާސާގެ ތެރެއިން ކަމަށްވެސް އެމިނިސްޓްރީއިން ބުނެފައިވެ އެވެ.

މިފޯރަމްއަކީ ޓޫރިޒަމް ސިނާއަތުގައި ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި އިންވެސްޓްކުރާނެ ފަރާތްތައް ހޯދުމަށް މަގުފަހި ކޮށް،ދަތުރު ފަތުރު ފަހިކުރުމުގެ އިތުރުން ޓޫރިޒަމް ތަރައްޤީ ކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދާ ފޯރަމެކެވެ.

މިފޯރަމްގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި އިދާރާތަކާއި، ރާއްޖޭގެ އެއަލައިންތަކާއި، ޓޫރިޒަމް އިންޑަސްޓްރީގެ ޖަމުއިޔާތަކުގެ އިތުރުން އުތުރު އަތޮޅުތަކުގެ ބައެއް ކައުންސިލްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެމިނިސްޓްރީއިން ވަނީ ހަނިމާދޫ އިންޓަނެޝަނަލް އެއަރޕޯޓް ފުރިހަމަވެގެން އަންނައިރު، އެއަރޕޯޓާއި ގުޅޭގޮތުން އެސަރަޙައްދުގެ ޓޫރިސްޓް އެނދުގެ އަދަދު އިތުރުކޮށް، ދަތުރުފަތުރުގެ ފުރުޞަތުތައް ފަހުކުރުމަކީ އެސަރަޙައްދުގެ ޓޫރިޒަމް ކުރިއެރުމަށް ވަރަށް މުޙިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.