ދެ ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕައަކު 20 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

އުތުރުގެ ރަށެއްގައި، 2013 ވަނަ އަހަރު ބައްޕައަކު އޭނާގެ ހަ އަހަރުގެ ކުއްޖަކާއި އޭނާގެ އިތުރު ދަރިއަކަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވިޔަސް، އެރަށު ކޯޓާއި ހައި ކޯޓުން ނިންމާފައި އޮތީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

Ad
rt

އެ މައްްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ އޭގެ ތެެރެއިން އެއް ކުއްޖަކަށް އޭނާ ޖިންސީ ގޯނާ ކުރަނިކޮށް އެ ކުއްޖާގެ ބޮޑުދައިތަށް ފެނިފައިވާ ކަމަށާއި އަދި ޝައްކު ކުރެވޭ ގޮތަކަށް އެ ކުއްޖާއާ އެކު އޭނާ އުޅެނިކޮށް އިތުރު މީހަކަށް ފެނުނު ކަމަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ޖިންސީ ގޯނާ ކުރި ވާހަކަ އެ ދެ ކުދިން ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނަށް އެއްގޮތަކަށް ކިޔައިދީފައިވާ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އެ ދެ ކުދިންނަށް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް މެޑިކަލް ރިޕޯޓްތަކުގައި ބުނެފައިވާ ކަމަށެވެ. އެއީ އެ މީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާ ކަމަށް ބަލަންޖެހޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ކުދިންގެ ވާހަކަތަކާއި ލިބިފައިވާ ހެކިތަކަށް ބަލާއިރު އެއީ އާދަޔާ ޚިލާފް މިންވަރަށް ތެދެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ މީހާ 20 އަހަރަށް ޖަލަށްލާން ހުކުމްކުރީ ސުޕްރީމް ކޯޓުގެެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.