ރާއްޖެއިން ބޭރު ގައުމެއްގައި ކުރި ހިނގަމުން ދިޔަ ދާހިލީ ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިން ރާއްޖެ ދޫކޮށް ދިޔަ ދިވެހި އާއިލާއެއް މިއަދު އަނބުރާ ރާއްޖެ ގެނެސްފިއެވެ.

ފުލުހުންގެ ޚިދުމަތުން އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް 2013 ވަނަ އަހަރު ދިވެހިރާއްޖެ ދޫކޮށް ދިޔަ ދިވެހި އާއިލާއެއް ދިވެހިރާއްޖެއަށް މިއަދު އަނބުރާ ގެނެސްފައިވާ ކަމަށެވެ.

Ad
rt

އަދި އަނބުރާ އަންނަ ހަނގުރާމަވެރިންނާ އެމީހުންގެ އާއިލާތަކާމެދު އަމަލުކުރުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ނެޝަނަލް ރި-އިންޓެގްރޭޝަން ސެންޓަރުގައި އިދާރީ ބަންދެއްގައި މިހާރު އެމީހުން ބައިތިއްބާފައިވާ ކަމަށް ފުލުހުން ހާމަ ކުރެއްވިއެވެ.

މި އާއިލާގައި ހިމެނެނީ 33 އަހަރުގެ ދިވެހި އަންހެނަކާއި 18 އަހަރުން ދަށުގެ ހަތަރު ކުޑަ ކުދިންނެވެ. އެ ހަތަރު ކުދިންގެ ތެރެއިން ދެ ކުއްޖަކު އުފަންވެފައިވަނީ ރާއްޖެއިން ބޭރުގައެވެ. ރާއްޖެއިން ބޭރުަގއި އުފަންވި ދެ ކުދިންގެ ރައްވެހިކަމާއި ރެޖިސްޓްރޭޝަނާ ގުޅޭކަންކަން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޑީއެންއޭ ކަށަވަރުކުރުމަށްފަހު ވަނީ ހަމަޖައްސާފައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

"އޭގެ އިތުރުން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގައި ބަޔާންކުރާ، ރިސްކް އެސެސްމެންޓް ހަދައި ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ފަރާތެއް ވާނަމަ ޖިނާއީ ތަހުގީގު ހިންގާނެއެވެ." ފުލުހުން ވިދާޅުވެފަވެއެވެ.

ފުލުހުން ވިދާޅުވީ، މިއީ، ދިވެހިންގެ ތެރެއިން ހަނގުރާމަވެރި ސަހައްދުތަކުގައި ތާށިވެފައިތިބި އަންހެނުންނާއި ކުޑަކުދިން އަނބުރާ ދިވެހިރާއްޖެއަށް ގެނައުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ފުރަތަމަ ހަރަކާތް ކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ދެވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގައިވާ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ދޫކުރާ ޚާއްޞަ ހުއްދައެއްގެ ދަށުން ނޫންގޮތަކަށް ހަނގުރާމައަށް ދިޔުމާއި، ނުވަތަ އެ ޤާނޫނުގައި ބުނާ އެފަދަ ސަރަހަދަކަށް ދިޔުމަކީ ކުށެކެވެ. އަދި އެ ޤާނޫނުގެ ދަށުން ހަދާ ރިސްކް އެސެސްމެންޓުގައި އެ ނޫންގޮތަކަށް ކަނޑައަޅައިފި ހިނދެއްގައި މެނުވީ، ހަނގުރާމަވެރިންގެ ޢާއިލާގެ މެންބަރުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިންނަކީ، ކުށުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކެއް ކަމަށް ބަލައި، އެފަދަ މީހުން ބައިތިއްބައްވާނީ އެ ޤާނޫނުގައި ބުނާފަދަ މަރުކަޒެއްގައި ކަމަށް އެ ޤާނޫނުގައި ބުނެފަވެއެވެ.