ހއ. އަތޮޅުގައި ހިންގާ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އާ ގުޅިގެން ކަމަށް ބުނެ ވަކިކުރި 29 މީހުންގެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަތައް އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

މަނަފަރު ރިސޯޓުން 2020 ވަނަ އަހަރު ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް-19 އާ ގުޅިގެން ކަމަށް ބުނެ ވަކިކުރުމުގެ ކުރިން އެ މީހުންގެ މުސާރައިން ވެސް އެ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އޮތީ 75 ޕަސެންޓް އުނިކޮށްފަ އެވެ. ވަކިކުރި މީހުންގެ ތެރޭގައި ހިމެނެނީ ހއ. ހޯރަފުށްޓާއި ކެލާގެ އިތުރުން ހދ. ކުޅުދުއްފުށީގެ އިތުރުން ހދ. ހަނިމާދޫ މީހުންނެވެ.

Ad
rt

އޭގެ ތެރެއިން 30 މީހަކު ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ އެއްކޮށް، އެއްފަހަރާ އެވެ. އޭގެ ތެރެއިން އެކަކު މައްސަލަ އަނބުރާ ގެންދަން ސިޓީ ފޮނުވުމުން ޓްރައިބިނަލުން ވަނީ ދެން ތިބި 29 މީހުންގެ މައްސަލަތައް ވެސް ބޭރުކޮށްލައިފަ އެވެ.

އެ 29 މީހުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެންމެ މީހަކު ފޮނުވި ސިޓީއަކަށް ބިނާކޮށް ދެން ތިބި 29 މީހުންގެ މައްސަލަ އެ މީހުންގެ ބަހެއް ހޯދުމެއް ނެތި ޓްރައިބިއުނަލުން ބޭރުކޮށްލުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އެހެންވެ، އެ 29 މީހުންގެ މައްސަލަ ޓްރައިބިއުނަލުން އަލުން ބަލަން އަންގާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބެލި ބެންޗުގައި ތިބީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފާތިމަތު ފަރުހީޒާ އަދި މުހައްމަދު ފައިސަލެވެ.