ހދ. ކުމުންދޫ ކައުންސިލްގެ ފަރާތުން އެރަށު ސިއްޚީ މަރުކަޒަށް ފެން ފިލްޓަރ ކުރެވޭނެ ނިޒާމެއް ހަދިޔާ ކޮށްފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ މިނިޒާމް އެމަރުކަޒާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
އެގޮތުން އެ މަރުކަޒުގައި ފެން ފިލްޓަރ ކުރެވޭނެ ގޮތް ހެދުމަށް ކައުންސިލުން ހަދިޔާކުރި ފިލްޓަރއާއި ސިއްހީ މަރުކަޒުގެ ފަރާތުން ހަވާލުވެފައިވަނީ އެމަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ޖައިލަމް ޝާހެވެ.
އަމީން ވިދާޅުވީ މިފަދަ ނިޒާމެއް އެރަށުގެ ސިއްޚީ މަރުކަޒުގައި ގާއިމްކޮށް ދިނުމަކީ އެކައުންސިލްގެ ބަޖެޓްގައި ހިމަނާފައިވާ ކަމެއް ކަމަށެވެ. އަދި މިފަދަ ނިޒާމެއް ގާއިމް ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އެމަރުކަޒުގެ މުވައްޒަފުންނަށާއި، އެތަނުން ޚިދުމަތް ހޯދަންދާ ރައްޔިތުންނަށް ސާފު ބޯފެން ރައްކާތެރިކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ.
އެކައުންސިލްގެ ފަރާތުން މިއަހަރުގެ ފެބްރުއަރީ މަހު 21 ވަނަ ދުވަހު ވަނީ މިފަދަ 2 ފިލްޓަރއެއް އެރަށު ސްކޫލަށްވެސް ހަދިޔާކޮށްފައެވެ. އެގޮތުން ސްކޫލް ދަރިވަރުންނަށް ބޭނުން ކުރެވޭނެހެން ކޫލަރ ތަކުގައި ފެން ބެހެއްޓޭނެ ނިޒާމް އެސްކޫލްގައި މިހާރު ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!