ރާއްޖޭގައި މީހުން އަތުން ފައިސާ އަތުލައިގެން ބޮޑު ފްރޯޑެއް ހިންގާ ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ “ކިންގްސް ފޮރެކްސް ޓްރޭޑިން” ކަމަށް ތުހުމަތުކޮށް އެކައުންޓް ފްރީޒްކޮށްފިއެވެ.

އެ ކުންފުނީގެ ޓެލެގްރާމް ގްރޫޕުގައި ރޭގެ ވަގުތެއްގައި އާއްމުކުރި ބަޔާނެއްގައި ބުނީ ބީއެމްއެލް އިން ވަކި ސަބަބެއް ހާމަ ނުކޮށް އެކައުންޓް ފްރީޒްކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ކުންފުނިން ބީއެމްއެލް އާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

Ad
rt

ޕޮންޒީ ސްކީމް ހިންގަނީ ކޮން ކުންފުންޏެއް ކަން އެމްއެމްއޭއިން ވެސް ނުބުނެއެވެ. އެ އިދާރާއިން ބުނީ ބޮޑު ފްރޯޑެއް ހިންގާ ކަމަށާއި އެކަމަށް ސަމާލުވުމަށެވެ.

އެމްއެމްއޭއިން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށްބުނެ ބޮޑު ފްރޯޑް ސްކީމެއް ރާއްޖޭގައި ހިންގަމުންދާ ކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އެ ފްރޯޑް ހިންގަނީ ފޭސްބުކް އަދި ޓެލްގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް އަނބުރާ ދޭނެ ކަމަށް ބުނި ނަމަވެސް އިންވެސްޓް ކުރުމުގެ ބަދަލުގައި އަމިއްލަ ބޭނުންތަކަށް ފައިސާ ބޭނުން ކުރަނީ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެ ސްކީމުގައި ކުރީކޮޅު ފައިސާ ނަގާ މީހުންނަށް އަނބުރާ ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ މީހުން ދޭ ފައިސާއިންނެވެ. އެހެންވެ، އެފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫން ކަމަށާއި އެ ސްކީމް ރޫޅިގެންދާއިރު ބައިވެރިވި ގިނަ މީހުންނަށް ފައިސާވެސް އަނބުރާ ނުލިބޭނެ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

މިފަދަ ސްކީމްތަކަށް ކިޔަނީ “ޕޮންޒީ ސްކީމް”އެވެ. މިއީ ރައްޔިތުންނަށް ރައްކާތެރި މުއާމަލާތަކަށް ނުވާތީ ގިނަ ގައުމުތަކުން ވަނީ އެފަދަ ސްކީމްތައް ހިންގުން މަނާކޮށްފައެވެ.
ފްރޯޑެއް ހިންގާކަމަށް ބުނި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެމްއެމްއޭއިން ނުދެއެވެ.