ހއ. އުތީމަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު، އެރަށު ރައްޔިތުން ނިކުމެ އެ ރަށުން ބާލައިފި އެވެ.

އުތީމު ކައުންސިލް މެންބަރ ޙުސައިން ނަޞީރު "ތިލަދުން" އަށް ވިދާޅުވީ މިކަން ހިނގާފައިވަނީ ރޭ އިރާ ކޮޅުގެ ވަގުތެއްގައި ކަމަށެވެ.

Ad
rt

މި މައްސަލަ އާއި ގުޅިގެން އެރަށުން ބާލާފައިވަނީ އެރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގޮސްއުޅުނު 6 މީހުންގެ ގުރޫޕަކުން 2 މީހުން ކަމަށެވެ. ބާކީ ތިބި 4 މީހުން ފަތިހުގެ ވަގުތެއްގައި އެރަށުން ފުރާނެކަމަށް ވިދާޅުވި އެވެ.

ކައުންސިލް މެންބަރ ހުސައިން ނަޞީރު ވިދާޅުވީ އެގުރޫޕު އެރަށުގައި އުޅޭތާ މިހާރު މަހެއްހާ ދުވަސް ވެދާނެ ކަމަށެވެ. އަދި އެ ގުރޫޕަކީ މަސްތުވާތަކެތި ބޭނުން ކުރާ ބަޔެއްކަމަށް އެރަށު މީހުން ޝައްކު ކުރާ ކަމަށެވެ.

އެމީހުންް މިރޭ އަތުލައިގަތީ، ދޭތެރެ ދޭތެރެއިން ޑިންގީ ފަދަ ތަކެތީގައި މަސްތުވާތަކެތި އެރަށަށް ގެންނަ ކަމަށް އަޑުފެތުރިފައި ވަނިކޮންނެވެ.

"ރޭ އިރާ ކޮޅު ހދ، އަތޮޅާއި ދިމާލުން އައި ޑިންގީ އަކުން ގެނައި އެއްޗެއް ބަލައި އެތަނުން ބަޔަކު ބަނދަރު ސަރަހައްދުގައި ހަރަކާތްރިވާ މަންޒަރު ފެނުމުން ޒުވާނުންގެ ބަޔަކާއި އެކު އެމީހުންނަށް ފާރަލީ، އެމީހުން ކީ އެކައުންޓް ނަންބަރ އަކަށް ރުފިޔާ ޓުރާންސްފަރ ކުރުމުން މުށު ތެރެއަށް ލެވޭ ވަރުގެ އެއްޗެއް ދީފަ ޑިންގީ ނައްޓާލައިފި، އެހިސާބުން އެމީހުން ފަހަތުން ދުއްވައިގަތީމަ ސައިކަލުގަ ގޮސް އެމީހުން އުޅޭ ގެޔަށް ވަނީ"

ހުސައިން ނަޞީރު ވިދާޅުވި އެވެ.

އެމީހުން ދިރިއުޅޭ ގެޔަށް ފިލަން ވަނުމާއި އެކު އެސަރަހައްދަށް ރަށުގެ ގިނަ ބަޔަކު އެއްވެފައިވެއެވެ. އެތަނަށް އެރަށުގައި ގާއިމްކޮށްފައިވާ ޕޮލިސް ޑެސްކުގެ ފުލުހުންނާއި ދިއްދޫ އިން އައި ފުލުހުންގެ ޓީމް އެގެޔަށް ވަދެ ބަލާ ފާސްކުރުމުން އެމީހުން ދިރި އުޅެމުން ދިޔަ ގޭގެ ކޮޓަރިއަކުން މަސްތުވާތަކެތި ފެނިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެމީހުން އެރަށަށް އެތެރެ ކުރި ކަމަށް ޝައްކު ކުރެވޭ މަސްތުވާތަކެތި ހޯދުމަށް ފުލުހުން އެގޭގެ ޖަންގުޝަން ތަކާއި ގޭގެ އެކި ތަންތައް ބަލާ ފާސްކޮށްފައި ވެއެވެ.

އެއާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް އެތަނުން ދެމީހުން ގެންގޮސް ރަށުން ބޭލި އެވެ. ގެންދިޔައީ ކޮން ރަށަކަށް ކަމެއް ސާފެއް ނުވެއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އަދި އެއިދާރާގެ ޖަވާބެއް ނުލިބެއެވެ.

އުތީމަކީ މަސްތުވާ ތަކެއްޗާއި ވަރަށް ދެކޮޅު ރައްޔިތުން އުޅެމުން އަންނަ ރަށެކެވެ. އެރަށުގެ މުޖުތަމަޢު ތެރޭގައި މަސްތުވާ ތަކެތި ބޭނުން ކުރާ މީހުންގެ ނިސްބަތް ރާއްޖޭގެ އެހެން ރަށްރަށާއި އަޅާ ބަލާއި އިރު މަދުކަން ފާހަގަ ކޮށްލެވެއެވެ. މިރޭ ހިނގާ ދިޔަ ހާދިސާގައި އެމީހުން ރަށުން ބޭލުމުގައި އިސްކޮން ހަރަކާތް ތެރިވީވެސް ދެޖިންސުގެ ޒުވާނުންނެވެ.

އުތީމް ކައުންސިލްގެ މެންބަރ ޙުސައިން ނަޞީރު ވަނީ މިއޮޕަރޭޝަން ކާމިޔާބު ކަމާއި އެކު ނިންމާލުމުގައި އުތީމުގެ ރައްޔިތުން ނާއި ފުލުހުންގެ ފަރާތުން ލިބުނެ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.