ހއ. އަލިދޫ ރިސޯޓާއި އެ އަތޮޅު ބީނާފުށީގެ އިތުރުން ކަނޑާލިފިނޮޅުގެ ކުއްޔަށް އެތައް މިލިއަން ޑޮލަރެއް ނުދައްކާ އޮތް މައްސަލާގައި މީގެ ފަސް އަހަރު ކުރިން ޔޮޓް ޓުއާސްގެ ބޭންކް އެކައުންޓްތައް މީރާއިން ފްރީޒްކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް ކުރިން ދޫކުރި އެ ތިން ރަށުގެ ކުލި ނުދައްކާތީ އެ ކުންފުނީގެ އެކައުންޓްތައް މީރާގެ އެންގުމަކަށް 2017 ވަނަ އަހަރު ފްރީޒްކުރުމުން އެ ކުންފުނިން ދައުވާކުރީ އެއީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ބުނެ އެވެ.

Ad
rt

ސިވިލް ކޯޓުން ނިންމީ މީރާއާ އެއްކޮޅަށެވެ. ފަހުން އެ އެކައުންޓްތައް މީރާއިން ދޫކޮށްލި އެވެ.

ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައިވަނީ ބިމު ކުއްޔަކީ ޓެކްސް ފައިސާއަކަށް ނުވިއެއް ކަމަކު އެ ފައިސާ ހޯދަން މީރާއަށް ފިޔަވަޅުތައް އެޅޭނެ ކަމަށެވެ. އަދި ސަރުކާރާ އެކު ވަކި އެއްބަސްވުމެއް ހަދާފައި އޮތުމަކީ އެ އެއްބަސްވުމުގެ ދަށުން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމަށް މީރާއަށް އޮތް ބާރު ހަނިވާނެ ކަމެއް ނޫން ކަމަށާއި މީރާއަށް އެފަދަ ފިޔަވަޅުތައް އެޅިދާނެ ކަމަށެވެ.

އަލިދޫ އާއި ބީނާފުށްޓާއި ކަނޑާލި ފިނޮޅުގެ ކުއްޔަށް 29 މިލިއަން ޑޮލަރު ދައްކަން ޔޮތް ޓުއާސަށް އޮތީ ޖެހިފަ އެވެ.

އެ ފައިސާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން އޮތީ ރަނގަޅު ކަމަށް ދާދިފަހުން ވަނީ ނިންމައިފަ އެވެ