ކޮވިޑް19 ގައި މުޅި ދުނިޔެ އިން މަރުވި މީހުންގެ އަދަދު 6,042,035 އަށް އަރައިފިއެވެ.
އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބު ދައްކާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް19 އަށް 451,040,382 މީހުން ވަނީ މިހާތަނަށް ޕޮޒިޓިވް ވެފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތައް އާންމު ހާލަތަށް ރުޖޫއަ ކުރަމުން އަންނަ އިރު ހިސާބުތަކުން ދައްކަނީ މިބަލީގައި މަރުވާ މީހުންގެ އަދަދު މަދުވެފަައިވާކަމަށެވެ. މީގެ ކުރިން ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދަކީ 11،000 އެވެ. ނަމަވެސް ފާއިތުވި ފެބްރުއަރީ މަހުގައި މުޅި ދުނިޔެއިން ކޮވިޑް ބަލީގައި މަރުވެފައިވަނީ 7،000 މީހުންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ފާއިތުވި 4 މަސް ދުވަހުގެ ތެރޭގައި 1 މިލިއަން މީހުން ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. ކަމާއި ބެހޭ މާހިރުން ބުނާ ގޮތުން ނަމަ ކޮވިޑް ބަލީގެ އެންމެ ނުރައްކާތެރި ހާލަތުގައި ކޮވިޑަށް ފަރުވާ ހޯދަމުންދާ 1،300 މީހުންގެ ތެރެއިން 1 މަރުވާކަމަށް ރެކޯޑުތަކުން ދައްކާކަމަށް ބުނެއެވެ.
ޑަބްލިޔު.އެޗް.އޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރިޔާސިސް ކުރެއްވި ޓްވީޓެއްގައިވަނީ ހުރިހާ ގައުމުތަކަކުންވެސް ކޮވިޑް19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކުރުމަށް ގޮވާލާފައެވެ. އަދި ކޮވިޑް 19ގެ ހާލަތުން ދުނިޔެ އަރައިގަނެވިފައި ނުވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުންދާ މީހުންގެ އަަދަދު މަދުނުވާކަމަށާއި ކޮވިޑް ބަލީގައި އަދިވެސް މީހުން މަރުވަމުން އަންނަކަމަށް ވިދާޅުވެފައިވެއެވެ.
އެހެން ގައުމުތަކާއި އަޅާބަލާއިރު، އެމެރިކާގައި ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު ނިސްބަތުން އިތުރުކަން ތަފާސްހިސާބުތަކުން ވަނީ ފާހަގަވެފައެވެ. އެގޮތުން އެމެރިކާގައި މިހާތަނަށް ކޮވިޑް ބަލީގައި 960،000 މީހުން މަރުވެފައިވާއިރު، މިއީ 32 އިންސައްތައިގެ އިތުރުވުމެކެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކި ރީޖަންތަކުގައި ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ދަށްވަމުން އަންނަކަމަށް ބުނެފައިވެއެވެ. ނަމަވެސް ހުޅަނގާއި ދެކުނުގެ ބައެއް ގައުމުތަކުގައި މީހުން މަރުވެފައިވާ މިންވަރު ނިސްބަތުން އިތުރުވެފައިވާކަމަށް ދައްކައެވެ.
މީގެ އިތުރުން ދުނިޔޭގެ އާބާދީއަށް ބަލާއިރު ވެކްސިން ފުރިހަމަކޮށްފައިވަނީ 57 އިންސައްތަ މީހުންކަމަށާއި، ފަގީރު ގައުމުތަކުގައި މިހާތަނަށް 14 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް އެކަނި ޖަހާފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!