ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިޤްތިޞާދީގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ހިންގާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ބައްދަލުވުމުގައި ވަޒީރުން ވަނީ ޔޫކްރެއިންގެ މައްސަލައިގެ ސަބަބުން ދުނިޔޭގެ މަސްރަޙުގައި ތަކެތީގެ އަގުތައް އުފުލުމުގެ އިތުރުން އިޤްތިޞާދީގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރަށްވާފައެވެ. އަދި އެފަދަ އަސަރުތައް ކުޑަކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަޙުގައި ދިވެހިރާއްޖެއިން މި މައްސަލައާމެދު ގެންގުޅޭ ސިޔާސަތުގެ މައްޗަށް ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
މިމަހުގެ 3 ވަނަ ދުވަހުގެ ރޭ ބޭއްވި އދ.ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ރަޝިޔާއިން ޔޫކުރޭނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ޤަރާރެއް ފާސްކޮށްފައިވާއިރު، ރާއްޖެއިން ވަނީ ޔޫކްރޭނަށް ރަޝިޔާއިންދޭ ހަމަލާތައް ކުށްވެރިކޮށް އދ.ގެ އާންމު މަޖިލީހުގައި ވޯޓު ދީފައެވެ.
އދ.ގެ އެ ކުއްލި ބައްދަލުވުމުގައި 193 ޤައުމަކުން ބައިވެރިވިއެވެ. އޭގެ ތެރެއިން 141 ޤައުމަކުން ވަނީ ޔޫކްރޭނަށް ރަޝިޔާއިން ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ. އަދި ފަސް ޤައުމަކުން ވަނީ ރަޝިޔާ ދިފާއު ކޮށްފައެވެ. އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިޔާ، ބެލަރޫސް، ސީރިއާ، އެރިޓްރިއާ އަދި އުތުރު ކޮރެއާއެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށްގޮސް، ރާއްޖެއަށް ވެސް ވަނީ އެކަމުގެ އަސަރު ފޯރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!