ކުޅުދުއްފުށި ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޅުދުއްފުށި ސިޓީ ޕޮލިހާއި، އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި އެ އޮޕަރޭޝަނަކީ ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.

"އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ." ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މި މައްސަލަ ކުޅުދުއްފުށި ސިޓީ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެ ސިޓީގައި ފުލުހުންގި އޮޕަރޭޝަނެއްގައި ވެސް ވަނީ މާލެއިން ފުރައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރި ބޯޓަކުން، މަސްތުވާތަކެތި ގެންދިޔަ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފައެވެ.

އެއީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކުޅުދުއްފުށީ ސިޓީ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ކޮތަޅެއް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.