ތާޒާ ފެނުގެ ތައައްޔަރުވެފައިވާ އެއްވެސް ބެޗެއް ބާޒާރަށް ނެރެފައިިނުވާނެ ކަމަށް އެމްޑަބްލިއެސްސީން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި މިހެން ބުނެފައިވަނީ އެ ކުންފުނިން އުފައްދާ ''ތާޒާ'' ބްރޭންޑްގެ ފެންފުޅީގެ ކޮލިޓީއާއި ގުޅޭގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ޚަބަރާއި ގުޅިގެންނެވެ.

Ad
rt

އެގޮތުން، އެ ކުންފުނީގެ ތާނގިއަކުން މަރުވެފައި އޮތް ކާޅެއް ފެނިފައިވާ ކަމަށާއި ޖަރާސީމް ހުރި ފެން ވިއްކާ ކަމަށް މީސްމީޑިއާގައި ދަނީ ހަބަރު ފެތުރެމުންނެވެ.

މި ވާހަކަތަކަށް ރައްދުދީ އެމްޑަބްލިއެސްސީން ބުނީ ތާޒާ ފުޅީގެ ކޮންމެ ބެޗެއްވެސް ބާޒާރަށް ނެރެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ބައިނަލްއަގްވާމީ ގޮތުން ކަނޑައަޅާފައިވާ ކޮލިޓީ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުމަށްފަހުގައި ކަމަށެވެ. އެ ކޮލިޓީ މިންގަނޑުތައް ކަށަވަރުނުކޮށް ''ތާޒާ'' ބްރޭންޑްގެ ފެނުގެ އެއްވެސް ބެޗެއް ބާޒާރަށް ނެރެފައިނުވާކަން ކަސްޓަމަރުންނަށް ޔަގީންކޮށް އަރުވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

''ތާޒާ ފެނަކީ އޭގެ ކޮލިޓީ ޔަގީންކުރުމުގެ ގޮތުން، ފުޅީގައި ފެން ބަންދުކުރުމުގެ މަރުހަލާތަކުގައި ގަޑިއަކު އެއްފަހަރު ހަދަންޖެހޭ އެންމެހައި ޓެސްޓްތައްހަދައި، ފެން އުފެއްދުމަށްފަހު އިތުރު ތަހުލީލުތައް ކުރުމަށްޓަކައި، މާކެޓަށް ނުނެރެ 24 ގަޑިއިރު ބަހައްޓައި ގިނަ ތަހުލީލުތަކެއް ކޮށް ބައިނަލްއަގްވާމީ ކަމާގުޅޭ، އެންމެ މަތީ މިންގަނޑުތަކުން ފެންވަރު ވަޒަންކޮށް މާކެޓަށް ނެރޭ ފެނެކެވެ. އަދި ތާޒާ ފެން އުފައްދާ ކާރުހާނާއަކީ އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް އަދި ފުޑް އެންޑް ސޭފްޓީ ސްޓޭންޑަޑް (ހެސަޕް) 22000:2008 ސެޓިފައިޑް ކާރުހާނާއެކެވެ.'' އެމްޑަބްލިއުއެސްސީގެ ބަޔާނުގައު ބުނެފައިވެއެވެ.

މީގެ އިތުރުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާޙް ރޭ "ތިލަދުން" އަށް ވިދާޅުވީ، އެ ކުންފުނީގެ ތާނގީއަކުން ކާޅެއް ފެނުނުކަމަށް ފަތުރާ ޚަބަރަކީ ދޮގެއް ކަމަށެވެ.

އެކުންފުނިން ތައްޔާރުކޮށް ނެރޭ ފެނުގެ ކޮލިޓީ ވަޒަން ކުރުމުގެ މަސައްކަތަކީ އަބަދުވެސް ކުރަށްވަމުން ގެންދަވާ ކަމެއް ކަމަށާއި، ފެނުގެ ކޮންމެ ބެޗެއް ވެސް ބާޒާރަށް ނެރެނީ ތަހުލީލުތައްކޮށް ފެންވަރު ވަޒަން ކުރުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ.

މިގޮތަށް ކުރެވޭ ތަހުލީލުތަކުން ކަމެއް ފާހަގަކުރެވިއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އަލަށް ކުރާކަމެއް ނޫންކަމަށާއި، އެކުންފުނީގެ ފެނުގެ ކޮލިޓީ އަކީ ބައިނަލްއަގްވާމީ މިންގަނޑަށް ދަމަހައްޓަމުން އަންނަ ކޮލިޓީއެއްކަން ޝާހް ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި އެ ކުންފުނިން މާކެޓަށް ނެރޭ ފެނަކީ ރައްކާތެރި ފެނެއްކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ވިދާޅުވިއެވެ.