ހދ އަތޮޅުގެ އާބާދީ އަށް އަހަރެއްގެ ތެރޭގައި 357 މީހުން އިތުރުވެފައިވާކަމަށް އެއަތޮޅު ކައުންސިލުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެކައުންސިލުން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް އެއަތޮޅު ގެ އާބާދީ އަކީ 28،094 އެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 28،451 މީހުންނަށް އިތުރުވެފައިވާކަމަށް އެކައުންސިލުން އިއްޔެ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަކީ ކުޅުދުއްފުށި ސިޓީއެވެ. އެސީޓީގެ އާބާދީއަކީ 10520 އެކެވެ. އެސިޓިގައި ގިނައީ ފިރިހެނުން ނެވެ. އަންހެނުންގެ އަދަދަކީ 5129 އެވެ.
ކުޅުދުއްފުށި ސިޓީ އަށް ފަހު އާބާދީ 2000 އަރާފައިވަނީ ދެރަށެކެވެ. އެއީ 2791 މީހުންގެ އާބާދީ އަކާއި އެކު ހދ. ނޮޅިވަރަން އަދި 2345 އާބާދީ އަކާއި އެކު ހދ. ހަނިމާދޫ އެވެ. ނޮޅިވަރަންފަރު ގެ އާބާދީ 2000 އަށް އެރުމަށް މަދުވަނީ 20 މީހުންނެވެ. އެރަށު މިހާރުގެ އާބާދީ އަކީ 1980 އެވެ.
މީގެއިތުރުން އެއަތޮޅުގެ އެހެން ރަށްތަކަށް ބަލާލާއިރު:
- މަކުނުދޫ - 1870
- ވައިކަރަދޫ - 1815
- ކުމުންދޫ - 1486
- ނޭކުރެންދޫ - 1431
- ނެއްލައިދޫ - 1387
- ނައިވާދޫ - 890
- ކުރިނބީ - 763
- ފިނޭ - 599
- ހިރިމަރަދޫ - 574
މި ތަފާސްހިސާބުން ދައްކާފައިވާ ގޮތުން 28451 އާބާދީގެ ތެރެއިން 14497 މިހުންނަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 13954 އެވެ.
2014 ވަނަ ރާއްޖޭގައި ބޭއްވުނު ބޯހިމެނުމުގައި ހދ. އަތޮޅުގެ އާބާދީގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 19،648 މީހުންނެވެ. މިއީ 8 އަހަރު ތެރޭގައި އާބާދީއަށް 8,803 މީހުންގެ އިތުރުވުމެކެވެ. މިއީ ހދ. އަތޮޅުގެ އާބާދީ ބޮޑުތަނުން އިތުރުވި އިތުރުވުމެކެވެ. 2000 ވަނަ އަހަރާއި 2006 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއަށް ބަލާއިރު 2006 ވަނަ އަހަރު އާބާދީ ވަނީ 2000 ވަނަ އަހަރަށްވުރެއް ދައްވެފައެވެ. 2000 ވަނަ އަހަރުގެ އާބާދީ އަކީ 16956 އެވެ. 2006 ވަނަ އަހަރު 16237 އެވެ. މީގެ އިތުރުން 1995 ވަނަ އަހަރު ރާއްޖޭގައި ކުރިއަށް ދިޔަ ބޯހިމެނުމުގެ ނަތީޖާ އިން ދައްކާގޮތުގައި މިއަތޮޅުގެ އާބާދީ އަކީ 15365 އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެސްޓިކްސް އިން އާންމުކޮށްފައިވާ "ރާއްޖޭގައި ދިރިއުލޭ އާބާދީގެ އަންދާޒާ 2014-2054" މިރިޕޯޓުގައި ބުނެފައިވާގޮތުން 2054 ވަނަ އަހަރު ހދ. އަތޮޅުގައި ދިރިއުޅޭނީ 21،451 މީހުންނެވެ. އެކި އެކި ސަބަބުތަކާއި ހެދި ގުރޭޓަރ މާލެ ސަރަހައްދަށް ގިނަބަޔަކު ހިޖުރަކުރާނެކަމަށް އެރިޕޯޓުގައި އަންދާޒާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!