ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި އެލްޗޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ އެލްޗޭގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗު ބާސާއިން ކޮންޓްރޯލް ކުރި ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އެލްޗޭއިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ސްޕެއިން ފޯވާޑް ފިޑެލްއެވެ.
މި މެޗުގައި ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައި 60 ވަނަ މިނެޓުގައި ޖޯޑީ އަލާބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފެރާން ޓޮރޭސްއެވެ. މި މެޗުގައި ޓޮރޭސް ކުޅެން ނުކުމެފައި ވަނީ ދެވަނަ ހާފުގައެވެ. މިއީ ޓޮރޭސް ބާސާގެ ޖޯޒީގައި ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
މި މެޗުން ބާސާ މޮޅުވި ލަނޑު 84 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ މެންފިސް ޑިޕޭއެވެ. މި މެޗުގައި ޑިޕޭ ވެސް ކުޅެން ނުކުމެފައި ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މެޗުގެ 89 ވަނަ މިނެޓުގައި އެލްޗޭގެ ހާވިއާ ޕަސްޓޯރޭއަށް ރަތްކާޑު ދެއްކުމާއި ގުޅިގެން އެ ޓީމުން މެޗު ނިންމާލާފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މި މޮޅާއިއެކު ބާސާ ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 26 މެޗުން ވަނީ 48 ޕޮއިންޓް ލިބިފައެވެ. މިވަގުތު ތާވަލުގެ ދެވަނާގައި ސެވިއްޔާއޮތީ 27 މެޗުން ލިބުނު 55 ޕޮއިންޓާއި އެކުގައެވެ. މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ ރެއާލް މެޑްރިޑެވެ. ރެއާލަށް 27 މެޗުން ލިބިފައި ވަނީ 63 ޕޮއިންޓެވެ. މެޗުން ބަލިވި އެލްޗޭ މިވަގުތު އޮތީ ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް 27 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!