ށ އަތޮޅު ކައުންސިލްގެ ފަރާތުން އެއަތޮޅުގެ ރަށްރަށަށް ޒިޔާރާތް ކުރުމުގެ ދަތުރު މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރައިޝަމް ވިދާޅުވީ، މިދަތުރަކީ ށ. އަތޮޅުގެ ކައުންސިލްގެ މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ޕްރޮގްރާމަތަކާއި ފަސް އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާ ބެހޭ މަޢުލޫމާތު ރަށްރަށުގައި ހުރި ދަޢުލަތުގެ މުއައްސަސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ކުލަބުޖަމްޢިއްޔާތަކާ ހިއްސާކުރުމަށް ކުރާ ދަތުރެއް ކަމަށެވެ.
މި ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މިދަތުރުގައި ބައިވެރިވުމަށް ރަށު ކައުންސިލްތަކުގެ ރައީސުން ބައިވެރިވެއެވެ.
އެގޮތުން މާދަމާ ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ފުނަދޫ، ޅައިމަގު، މާއުނގޫދޫ އަދި ކޮމަންޑޫއަށްށެވެ. މިމަހުގެ 8 ވަނަ ދުވަހު މަރޮށްޓާއި ފޭދޫއާއި، ބިލެތްފަހީގެ އިތުރުން ގޮއިދޫ އަދި ކަނޑީތީމަށް ޒިޔާރާތް ކުރާނެއެވެ. އެއަށްފަހު މިމަހުގެ 9 ވަނަ ދުވަހު ނޫމަރާ، ފޯކައިދޫ، ފީވައް، މިލަންދޫ އަދި ނަރުދުއަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
3 ދުވަހުގެ މިދަތުރުގައި އެރަށްރަށުގެ މުއައްސަސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮމިޓީތަކާއި، ކުލަބް ޖަމްޢިއްޔާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ށ އަތޮޅު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މިދަތުރުގައި އަތޮޅު ކައުންސިލްގެ މެމްބަރުންގެ އިތުރުން އެކައުންސިލްގެ އިދާރީ ދެމުވައްޒަފުންވެސް ބައިވެރިވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!