ސިވިލް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ވިދާޅުވި ގޮތުގައި އެ ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވުމުން ސިވިލް ކޯޓަށް ދެ ފަނޑިޔާރުން މިހާރު އައްޔަނު ކުރަށްވާފައިވާ ކަމަށެވެ.
އެ ކޯޓަށް އައްޔަނު ކުރަށްވާފައިވާ ދެ ފަނޑިޔާރުންނަކީ، ސ. ފޭދޫ، ފިތިރޯނުގެ، އަލްއުސްތާޛާ ޒުލައިޚާ ޝީޒާ އަދި ގއ. މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު އެވެ.
އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަނު ކުރަން ނިންމީ ސިވިލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރުމަށް 2022 ފެބްރުއަރީ 16 ވަނަ ދުވަހު ބޭއްވުނު ޖޭއެސްސީގެ މި އަހަރުގެ 10 ވަނަ ޖަލްސާއިން ނެވެ.
އަލްއުސްތާޛާ ޒުލައިޚާ ޝީޒާ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީ އިން ބެޗްލާސް އޮފް ލޯސް (އޮނަރސް) ޙާޞިލްކުރައްވައި، ބަރކްބެކް ކޮލެޖް، ޔުނިވަރސިޓީ އޮފް ލަންޑަންއިން މާސްޓަރ އޮފް ލޯސް އިން ކޮންސްޓިޓުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ޒުލައިޚާ ޝީޒާ ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް، ސީނިއަރ ސްޓޭޓް އެޓާރނީ އަދި ސްޓޭޓް އެޓާރނީ މަޤާމުގައި 3 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.
އަލްއުސްތާޛު އަޙްމަދު ނިމާލް ވަނީ ވިލާ ކޮލެޖްއިން ބެޗެލާރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ޙާޞިލްކުރައްވާފައެވެ. އަލްއުސްތާޛު އަޙްމަދު ނިމާލް ވަނީ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިންގް ޕާރޓްނާރގެ ގޮތުގައި 1 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.
އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ މިދެ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ 2022 މާރިޗް 15 ދުވަހު ކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!