ޕާލޭ ފޯ ދަ އޯޝަންސް އިން ރާއްޖޭގެ ހުރިހާ ސްކޫލް ތަކަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ "ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ 2021" ގައި ބޮޑު ކާމިޔާބެއް ހޯދި ހދ. ނޮޅިވަރަންފަރު ސްކޫލަށް ޕާލޭގެ ފަރާތުން އިނާމު ހަވާލުކޮށްފިއެވެ.
ޕާލޭ އިން ކުރިއަަށް ގެންދިޔަ މި ހަރަކާތުގައި ޓާގެޓްއެއްގެ ގޮތުގައި 3 މައިލް ސްޓޯންއެއް ކަނޑައަޅާފައިވާއިރު މުޅި ރާއްޖެއިން ވެސް 2 މައިލްސްޓޯން ހާސިލްވި 3 ސްކޫލްގެ ތެރެއިން އެއް ސްކޫލް ގެ ގޮތުގައި ނޮޅިވަރަންފަރު ސްކޫލް ވަނީ ހިމެނިފައެވެ. އަދި އެ ސްކޫލަށް ވަނީ އެ ދެ މައިލްސްޓޯން ކާމިޔާބު ކޮށްގެން 1025 ޕޮއިން ލިބިފައެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލް އަލީ އަހުމަދު ވިދާޅުވީ މި ނަތީޖާ ހާސިލް ކުރުމުން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ޕާލޭއިން އެ ސްކޫލަށް ދޭ އިނާމް މިހާރު އެ ސްކޫލާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޕާލޭ އިން ފޮނުވި މި އިނާމް އެސްކޫލްގެ ތިމާވެށި ކްލަބާއި ހަވާލުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ އެސެމްބްލީގައެވެ. އިނާމެއްގެ ގޮތުގައި ދީފައި ވަނީ އައުޓްޑޯ ޕޯޓެބަލް ސައުންޑް ސިސްޓަމެކެވެ.
މިދިޔަ އަހަރު އެސްކޫލްގެ ފަރާތުން ގާތްގަނޑަކަށް އެއްފަހަރާ ބޭނުންކޮށްފައި އުކާލާޒާތު 13،5267 ފުޅި އެއްކޮށް ޕާލޭ އާއި ވަނީ ހަވާލުކޮށްފައެވެ. މީގެއިތުރުން ޕޮއިންޓްސް ގިނަ ކުރުމުގެ ގޮތުން އެ ސްކޫލްގެ އެންވަރމެންޓް ކްލަބްގެ ފަރާތުން ޕްލާސްޓިކް ރިސައިކްލިން ހަރާކަތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮއްސައެވެ.
އެސްކޫލަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ މިކާމީޔާބީއަކީ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނާާއި ސްކޫލްގެ ސްޓާފްގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުގެ މިންނަތް މަސައްކަތުން ހޯދާފައިވާ ކާމިޔާބީއެއް ކަމަށެވެ. އެގޮތުން އެފަރާތްތަކަށް ސްކޫލްގެ ނަމުގައި ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.
މީގެ އިތުރުން އެސްކޫލްގެ އިންކުލޫސިވް ޑިޕާޓްމަންޓަށް އެރަށުގެ އަންހެނުންގެ ކޮމިޓީގެ ފަރާތުން މިދިޔަ ހަފްތާގައި އެހީތެރިކަން ވެދެއްވާފައިވާތީ ޕްރިންސިޕަލް ވަނީ އެކަން ވެސް ފާހަގަ ކުރަށްވާ އެ ކޮމެޓީއަށް ޝުކުރު ދަންނަވާފައެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކޮށް، އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި 2019 ސެޕްޓެންބަރު 23 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި އިޢުލާނު ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!