ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް ކުރިއެރުން ލިބެން އޮތީ ރަނގަޅު ޖީލެއް އުފެއްދިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ، ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތަމްރީނު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށްޓަވާފައިވާ ޕްރިންސިޕަލުންގެ ސްކޮލާޝިޕް ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ގޮތުން ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް ކުރިއެރުން ލިބެން އޮތީ ރަނގަޅު ޖީލެއް އުފެއްދިގެން ކަމަށާއި އެކަމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ތަޢުލީމީ ދާއިރާއިން ކަމަށެވެ.
މިއަދުގެ ސަރުކާރުން، ޙާއްސަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޢުލީމަށް ދެއްވާ އިސްކަމުގެ ތެރެއިން ސްކޫލްތަކުގައި ވަޞީލަތްތައް ޤާއިމްކުރުމާއެކުއެކީގައި އެ ތަންތަނަށް ބޭނުންވާ ފެންވަރު ރަނގަޅު މުދައްރިސުންނާއި ޕްރިންސިޕަލުންގެ އިތުރުން އެ ދާއިރާއަށް ބޭނުންވާ އެހެނިހެން ފަރާތްތައް ތަމްރީނު ކުރުމަށް ޙާއްސަ އިސްކަމެއް ދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުގެ ފުރުސަތުތައް ނުލިބި އެތައް ދުވަހެއް ވޭތުވެގޮސްފައިވާކަން ފާހަގަކުރައްވާ، ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފެށިގެންމިދާ ތަމްރީނުތަކަކީ މެދުކެނޑުމެއްނެތި ކުރިއަށްގެންދެވޭ ޕްރޮގްރާމަކަށް ހެދުމުގެ މުހިއްމުކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރަށްވާފައެވެ.
ޕްރިންސިޕަލުންނަކީ ތަޢުލީމީ މުޢައްސަސާތަކުގައި ގިނަ ޢަދަދެއްގެ މީހުންނާއެކު ޓީމެއް ލީޑުކޮށްގެން މަސައްކަތް ކުރާ ފަރާތަކަށްވީހިނދު، ޕްރިންސިޕަލުންނަކީ އެންމެންގެ އަޑުއަހައި، ހުރިހާ އެންމެނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި ފަރާތްތަކަކަށް ވާންޖެހޭކަމުގައި ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތަކީވެސް މުޅި ރާއްޖޭގެ އެންމެހާ ސަރަޙައްދުތަކަށް ދަތުރުކޮށް އެތަންތަނުގައި ހުރި މައްސަލަތައް ގާތުން ބަލައި ފާހަގަކޮށް، އެކަންކަމަށް ހައްލު ހޯދަދިނުން ކަމުގައި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!