ހއ. ކެލާއިން 2000 ރުއްނަގައި ބޭރުކުރާކަމަށް ބުނެ ބްލޫ ޕީސް ކިޔާ ޖަމިއްޔާއަކުން ސޯޝަލް މީޑިއާގައި ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށް ކެލާ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެ ޖަމިއްޔާގެ މިއަމަލު ކުށްވެރިކޮށް ކެލާ ކައުންސިލްގެ ރައީސްއާއި ނައިބްރައީސް ހިމެނޭހެން އެ ކައުންސިލްގެ ފަސް މެމްބަރުން ސޮއިކޮށް އިއްޔެ އާންމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ރަށުގައި މިވަގުތު ޕޮލިސްޓޭޝަން އެޅުމަށް ބޭނުންވާ ބިން އަލިކުރުމުގެ މަސައްކަތާއި އެ ރަށުގެ ދަނޑުބިމުގެ ބައުންޑަރީ ސާފުކުރުމާއި އަދި ގެސްޓް ހައުސްތަކަށް ދާން އޮންނަ މަގު ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

Ad
rt

ނަމަވެސް އެ މަސައްކަތަކީ މި އަހަރުގެ ޖަނަވަރީ 4 ވަނަ ދުވަހު އެ ކައުންސިލުން އިޢުލާންކޮށް ގެޒެޓްކޮށް ބިޑް އުސޫލުން "ދި އޮޕްޓިމިސްޓް" ކިޔާ ކުންފުންޏަކާއި 06 ފެބްރުއަރީ 2022 ގައި ހަވާލުކުރެވިގެން ކުރެވެމުން އަންނަ މަސައްކަތެއް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ އެ ޕްރޮޖެކްޓްގެ ދަށުންނެގެނީ 45 ބޮޑު ރުކާއި 138 ކުޑަ ރުއް ހިމެނޭގޮތަށް ޖުމްލަ 183 ރުއްކަމަށެވެ.

މި ރުއްތައް ނެގުމާއި، ރުއްތައް ރަށުން ބޭރުކުރަން ޖެހިއްޖެނަމަ އެކަން ކުރުމުގެ އެންމެހައި ހުއްދައެއް އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީންނާއި، އެގްރިކަލްޗަރ މިނިސްޓްރީން ނަގާފައިވާ ކަމަށާއި އެހެންކަމުން ބްލޫ ޕީސް އިން ތިމާވެށި ޙިމާޔަތް ކުރުމުގެ ނަމުގައި މިފަދަ ދޮގު ޚަބަރެއް ފަތުރާފައިވާތީ ކެލާ ކައުންސިލުން ހަރުކަށި އިބާރާތުން އެކަން ކުށްވެރި ކުރާކަމަށެވެ.

ކެލާ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މިފަދަ ދޮގު ޚަބަރު ފަތުރައިގެން ތިމާވެއްޓާއި މުޖުތަމަޢަށް ވެސް ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށެވެ.