ހދ. ހަނިމާދޫ އިންޓަނޭޝަން ޓާމިނަލް ތަރައްގީ ކުރަން ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ބީލަން ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު އެ މުއްދަތުގައި ބީލަން ހުށަހެޅީ ހަތަރު ފަރާތަކުން ކަމަށެވެ.

Ad
rt

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރާއިރު އެއާބަސް A320 އާއި، ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭ ގޮތަށް، 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް އަޅާނެއެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެ ޕްރޮޖެކްޓާއެކު މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މިއީ އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. އެހެންވެ، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އިންޑިއަން އެގްޒިމް ބޭންކުގެ ފަރާތުން ޝޯޓް ލިސްޓްކޮށްފައިވާ ފަރާތްތަކަށެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރާނެއެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރާނެއެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

ހަނިމާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.