ރިސޯޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތަކުގެ ތެރެއިން ބޮޑު ބައެއް މައާފްކޮށްދެވޭ ގޮތަށް ސަރުކާރުން ގަވާއިދެއް ހަދައިފި އެވެ.

ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ކުލި ނުދައްކާ ކޮންމެ ދުވަހަކަށް 0.5 ޕަސެންޓްގެ ރޭޓުން ޖޫރިމަނާއެއް ނަގަމުން އަންނަނިކޮށް 2020 ވަނަ އަހަރު ސަރުކާރުން އޮތީ ޖޫރިމަނާގެ ރޭޓް 0.04 ޕަސެންޓަށް ދަށްކޮށްފަ އެވެ. އެހެން ނަމަވެސް އެހާތަނަށް ނުދައްކާ ހުރި ބޮޑެތި ޖޫރިމަނާތަކަށް އެއްވެސް ލުޔެއް އޭރު ދީފައެއް ނުވެ އެވެ. އާ ގަވާއިދުގެ ދަށުން އެއަށް ބޮޑެތި ލުއިތަކެއް ލިބޭނެ އެވެ.

Ad
rt

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރުނު އާ ގަވާއިދުގައިވާ ގޮތުން ޖުލައި، 2019 އިން ފެށިގެން ކުލި ނުދައްކާ ހުރި ހުރިހާ ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ޖޫރިމަނާ ހިސާބު ކުރާނީ ފަހުން ނެރުނު ދަށް ރޭޓުންނެވެ. އަދި ޖުލައި، 2019 ގެ ކުރިން ބޮޑު ރޭޓުން އަރާފައި ހުރި ޖޫރިމަނާތަކުގެ ތެރެއިން ވެސް މިހާތަނަށް ނުދައްކާހުރި ޖޫރިމަނާތައް އާ ރޭޓަށް ދަށް ކުރެވޭނެ އެވެ.

އެ ލުއިި ދެވެނީ ހަދަން ފަށާފައިނުވާ ތަންތަނާއި އެއްބަސްވުން ބާތިލް ކޮށްފައިވާ ތަންތަނުގެ އިތުރުން ހިންގަން ފަށާފައިވާ ތަންތަނަށެވެ. އެހެން ނަމަވެސް ކުރީގެ ރޭޓުން ދައްކައި ނިމިފައިވާ ޖޫރިމަނާތައް އަނބުރާ ނުގެންދެވޭނެ އެވެ.

މިހާތަނަށް 2.6 ބިލިއަން ރުފިޔާ ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ނުދައްކާ ހުރިއިރު، މިއީ އެ ފަރާތްތަކަށް ދިން ބޮޑު ލުޔެކެވެ. އާންމު ގޮތެއްގައި ރިސޯޓް ކުއްޔަށް ވުރެ ބޮޑީ ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ އެވެ. އެހެންވެ، ޖޫރިމަނާތައް ކުޑަ ރޭޓުން ހިސާބު ކުރުމުން ބޮޑު އާމްދަނީއެއް ދައުލަތަށް ގެއްލޭނެ އެވެ.

އަލިދޫ ރިސޯޓްގެ މައްސަލާގައި ދާދިފަހުން ޔޮޓް ޓުއާސް ކުންފުނިން ދައުލަތަށް 29 މިލިއަން ޑޮލަރު ދައްކަން ހައި ކޯޓުން އެންގީ ރިސޯޓް ކުލި ނުދައްކައިގެން ބޮޑު ޖޫރިމަނާއެއް އެރުމުންނެވެ. އެއަށް ވެސް ބޮޑު ލުޔެއް މި ގަވާއިދުގެ ދަށުން ލިބޭނެ އެވެ.

މީގެ އިތުރުން ކުލި ނެގުން ފަސްކޮށް ދިނުމާއި އެޑްވާންސް ފައިސާއިން ކުލީގެ ފައިސާ އުނިކުރުން ފަދަ ލުއިތައް ދެވޭ ގޮތަށް ވެސް އެ ގަވާއިދުގައިވެ އެވެ.