ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް( ކޭއާރުއެޗް )ގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެ ހޮސްޕިޓަލުގެ ފަރާތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެހޮސްޕިޓަލްގެ ޚިދުމަތް ދެމުންދާތާ އިއްޔެއަށް 40 އަހަރު ވެފައިވާއިރު، މިމުނާސަބާތާއި ގުޅުވައިގެން އެ ހޮސްޕިޓަލުގެ ނަރުހުންނަން ވަނީ އައު ޔުނީފޯމެއްވެސް ތައާރަފް ކޮށްފައެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުގެ އެކި ޑިޕާޓްމެންޓްތަކުން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.
އެގޮތުން އިއްޔެ ހެނދުނު އެހޮސްޕިޓަލުގެ މުވައްޒަފުންނާއިއެކު ހާއްސަ ހެނދުނުގެ ނާސްތާއެއް ކުރިއަށް ގެންގޮސްފައިވާއިރު އަދި ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ ފަރާތްތަކަށްށާއި އިއްޔެ ޑޮކްޓަރަށް ދެއްކުމަށް އައިސްފައިވާ ފަރާތްތަކަށް ވަނީ ހަދިޔާ ޕެކް ދީފައިވެއެވެ.
އެ ހޮސްޕިޓަލުގެ ސެކިއުރިޓީ ޓީމުން ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ވާއިރު ނަރުހުންގެ ޑިޕާޓްމަންޓްއިން ވަނީ އުމުރުން ދުވަސްވީ އަދި ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރަމުންދާ ފަރާތްތަކަށް ޒިޔާާރަތްކޮށް ހަދިޔާ ދީފައެވެ. މި ޒިޔާރަތުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅިގެން އެފަރާތްތަކާއި މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ.
ކްލިނިކަލް އެސިސްޓެންޓް ޓީމްއިން ވަނީ ރަށުގެ އާރޓިފިޝިއަލް ޕާކާއި، ރަށުގެ ބައެއް ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އަދި ބަލިން ރަނގަޅުވަމުން އަންނަ ކުދިންނަށް އެހޮސްޕިޓަލުގެ ޑައިގްނޯސްޓިކް ޑިޕާޓްމެންޓްއިން ވަނީ ހަދިޔާ ދީފައެވެ.
މީގެއިތުރުން އެޑްމިނިސްޓްރޭޓިވް ޓީމުން އެސިޓީގައި ހުންނަ ހދ. ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގައި ތިބޭ ކުޑަކުދިންނަށް ޒިޔާރާތްކޮށް ހަދިޔާ ދީފައެވެ.
މީގެ އިތުރުން ޕަބްލިކް ހެލްތް ޔުނިޓުން ވަނީ އާއްމު ރައްޔިތުން ބައިވެރިކޮށްގެން މޫދު ކަސްރަތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
އުތުރުގެ މައި ހޮސްޕިޓަލު ކަމުގައިވާ ކޭއާރުއެޗް 40 އަހަރުގެ އަގުހުރި ޚިދުމަތް ފާހަގަކުރަމުންދާއިރު، އެ ހޮސްޕިޓަލަކީ މާލޭގެ ހޮސްޕިޓަލްތައް ފިޔަވާ އެންމެ ގިނަ މީހުން ޚިދުމަތް ހޯދާ ހޮސްޕިޓަލު ވެސް މެއެވެ. މިގޮތުން ހއ. ހދ. އަދި ށ އަތޮޅުގެ އިތުރުން އެހެން އަތޮޅުތަކުގެ ރައްޔިތުންވެސް ސިއްހީ ޚިދުމަތް ހޯދަން އެ ހޮސްޕިޓަލަށް ދެއެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމުގައި ވެރިރަށް މާލެ ބަންދުވުމުން، އެކި އަތޮޅުތަކުން ޅ، ނ، އއ، އދ. ފަދަ އަތޮޅުތަކުން ވެސް ދަތުރު ހަދައިގެން ގޮސް ރައްޔިތުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދިއިރު، ބޮޑުތިލަދުންމައްޗާއި އުތުރުގެ ގިނަ ރަށްތަކަކުން ނަގަމުން އަންނަ ކޯވިޑް ސާމްޕަލްތައް ޓެސްޓް ކުރަމުން ދަނީ އެ ހޮސްޕިޓަލްގެ ލެބްގައެވެ.
މި ސަރުކާރު ދުށް 3 އަހަރު ތެރޭ އެންމެ ބޮޑު ކުރިއެރުމެއް ގެނުވި ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ވަނީ ވެގެން ގޮސްފައެވެ. އެއީ އެ ހޮސްޕިޓަލްގެ ތާރީޚްގައި ވެސް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. މިއަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ރައްޔިތުން ޖީބުން ބޭސްފަރުވާއަށް ކުރަމުން ދިޔަ ހޭދަ އެތައް ގުނައެއް ކުޑަކޮށްދިން ފަސޭހަތައް ގެނުވައިދީފައިވާ ހޮސްޕިޓަލެކެވެ. ޚާއްޞަ ދާއިރާތަކުން ޑަކްޓަރުން ހަމަކޮށް، ބޮޑެތި ސާޖަރީތަކުން ކުދި ސާޖަރީތަކާހަމައަށް އިތުބާރާއެކު އެ ހޮސްޕިޓަލުން އަންނަނީ ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުންނެވެ.
މި ސަރުކާރުގެ ދައުރުގެ ތެރޭގައި އެ ހޮސްޕިޓަލްގައި އަލަށް ތަޢާރަފްކުރި ބައެއް ޚިދުމަތްތައް
- ފިޒިއޯތެރަޕީގެ ޚިދުމަތް ފުޅާކުރުން
- މޭޖަރ ސަރޖަރީތައް ހެދުމުގެ ޤާބިލްކަން
- އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ
- އެމް.އާރް.އައި.ގެ ޚިދުމަތް
- ސީޓީ ސްކޭނިންގެ ޚިދުމަތް
- ލެބޯޓްރީ އަޕްގްރޭޑް ކުރުން
- ކާޑިއެކް ޚިދުމަތް
- ޕީ.ސީ.އާރް. ލެބް
- ސްޕީޗްތެރަޕީގެ ޚިދުމަތް
- އޮކްސިޖަން ޕްލާންޓް
- ސެންޓްރަލް ސްޓެރައިލް ސަރވިސަސް ޑިޕާޓްމަންޓްގެ ޚިދުމަތް
- ނިއުރޯ ޑައިގްނޯސްޓިކް ސާވިސް
- ޑެންޓަލް އޯޕީޖީގެ ޚިދުމަތް
- މޯބައިލް ލެބޯޓްރީގެ ޚިދުމަތް
- މެމޯގުރާމްގެ ހެދުން
- ތެލެސީމީއާ ޑީއެންއޭ ޓެސްޓް ހެދުމުގެ ޚިދުމަތް
- އެލާޖީއަށް ޓެސްޓް ކުރުމުގެ ހިދުމަތް
- އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ ދަރިމައިވުމުގެ ޞިއްޙަތާއިގުޅޭ މަރުކަޒު، "އުފަންވެނި ޞިއްޙަތު" ގާއިމުކުރުން
މި ހޮސްޕިޓަލުން ދެވޭ ޑައިލަސިސްގެ ޚިދުމަތް ވެސް މެދުނުކެނޑި ފޯރުކޮށް ދެމުންދާއިރު، މީގެ އިތުރުން ވެސް ތަފާތު ގިނަ ޕްރްޖެކްޓްތަކެއް އެ ހޮސްޕިޓަލްގެ ތަރައްގީއަށް ހިންގާފައި ވެއެވެ. އެގޮތުން އާ ލޭބަރ ރޫމެއް ހެދުމާއި، ދެ ވާޑެއްގައި ފްރެޝް އެއާ ސިސްޓަމް ބެހެއްޓުމާއި، ދެ ވާޑެއްގައި ބެޑް ސައިޑް ކާޓަންސް ޖެހުމާއި، ރިސަސިޓޭޝަން ރޫމެއް ޤާއިމު ކުރުމާއި، މޯބައިލް ކިއު ސިސްޓަމް ފެށުން ފާހަގަ ކޮށްލެވެއެވެ.
ހިނގަމުން ދާ ބައެއް ޕްރޮޖެކްޓްތަކަށް ބަލާއިރު ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި 30 އެނދުގެ ވާޑުގެ އިމާރާތެއް 6 އެނދުގެ ފުލްފުލެޖް އައިސީޔޫއެއް ހިމެނޭ ގޮތަށް ޤާއިމު ކުރެވެމުން ދިއުމާއި، ބެކަޕް ޖެނެރޭޓަރު ބެހެއްޓުމާއި، ލޯންޑްރީ ބޮޑު ކުރުމާއި، އާ ލެބޯޓްރީއެއް ހެދުން ހިމެނެއެވެ. އަދި ކުރިއަށް ރޭވިފައި ހުރި ބައެއް މުހިންމު ޕްރޮޖެކްޓްތަކަށް ބަލާއިރު 23 ރޫމުގެ ކޮންސަލްޓޭޝަން ރޫމް ބްލޮކެއް ހެދުމާއި، ކޯލް ސެންޓަރު ހެދުމާއި، އީއާރު ހެދުމާއި، ޕްރައިވެޓް ރޫމް ބްލޮކެއްގެ އެޅުން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!