ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާ ކުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކުރަން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތް ސެންޓަރު އަދި ހެލްތް ޕޯސްޓް ތަކަށް މި ކިޓްތައް ހަދިޔާ ކުރާކަން ހާމަކޮށްފައި ވަނީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމް އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް-ހަމާދީ އާއި ކުންފުނީގެ އިސް އޮފިޝަލުންނާއި އެކު ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް އުރީދޫ އާއި ހެލްތް މިނިސްޓްރީގެ ބައިވެރިވުމާއި އެކު ކުރިއަށްގެންދެވޭނެ ތަފާތު މަސައްކަތްތަކާއި ބޭހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އުރީދޫ އިން ހަދިޔާ ކުރާ ހެލްތު ކިޓުގައޖ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތަށް ހިމެނޭނެއެވެ. މި ކިޓްތައް މިއަހަރު ކުރީކޮޅުގައި ހެލްތް ސެންޓަރުތަކަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީކަން އުރީދޫ އިން ދެއެވެ.
އުރީދޫއަކީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ 3 ވަނަ ލަނޑުދަނޑި “ގުޑް ހެލްތް އެންޑް ވެލްބީންގް” ހާސިލްކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށް އުރީދޫއިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބޭއްވޭ އުރީދޫ ކަލާ ރަން އަކީ ވެސް މި ބޭނުމުގައު ބާއްވާ ހާއްސަ އިވެންޓެކެވެ.
2018 ވަނަ އަހަރު އުރީދޫ އިން ވަނީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްކާތެރިކަމުގެ އާލާތްތަކުގެ އިތުރުން އޮކްސިޖަން ސިލިންޑަރާއި، އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް ހެލްތު މިނިސްޓްރީއަށް ހަދިޔާ ކޮށްފައެވެ. އަދި ކޯވިޑާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނާއި ކުންފުނިތައް ގުޅުވާލަދީ، އާންމުން ހޭލުންތެރިކުރުވައި، އޮންލައިން ތައުލީމާއި ސިއްހީ ހިދުމަތްތަކާއި ވިޔަފާރިތަކަށް މަގުފަހިކޮށްދޭ ޑިޖިޓަލް ހައްލުތައް ވަނީ އުރީދޫ އިން ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، މި ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫ ގްރޫޕާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދިވެހި ސަރުކާރަށް ވަނީ 2،500،000.00 ރުފިޔާ ހަދިޔާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!