ތ. ވިލުފުށީ ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ހުއްޓުވަން އެސްޖޭ ކުންފުނިން ހައި ކޯޓަށް މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ވިލުފުށީގައި 100 ހައުސިން ޔުނިޓްގެ މަސައްކަތްކުރަން އެސްޖޭއާ ހަވާލު ނުކޮށް، އަމީން ކޮންސްޓްރަކްޝަނާ ސަރުކާރުން ހަވާލު ކުރި މައްސަލާގައި އެސްޖޭއިން ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އަދި މައްސަލަ ނިމެންދެން އެ މަޝްރޫއު މަޑުޖައްސާލުމުގެ އަމުރަކަށް އެ ކުންފުނިން އެދުނަސް، އެ ކޯޓުން ނިންމާފައި އޮތީ އަމުރު ނެރެނުދިނުމަށެވެ. އެ ނިންމުން މުރާޖާ ކުރުމަށްފަހު ވެސް ސިވިލް ކޯޓުން އެ ނިންމުން ބަދަލު ނުކުރުމުން އެސްޖޭއިން ދިޔައީ ހައި ކޯޓަށެވެ.
ހައި ކޯޓުން މިއަދު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، މައްސަލަ ބޭރުކޮށްލީ ދައުލަތުން ނެގި އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ. ދައުލަތުން އިޖްރާއީ މައްސަލައެއް ފެންމަތިކުރީ ސިވިލް ކޯޓުގެ ނިންމުން ގޯސްވި ސަބަބެއް އެސްޖޭއަށް ދެއްކިފައިނުވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ.
ހައި ކޯޓުގެެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވެސް ވެސް ނިންމީ އެގޮތަށެވެ.
އެސްޖޭއަކީ ހދ. ހަނިމާދޫ ހައުސިން މަޝްރޫއު އެ ކުންފުންޏަށް އެވޯޑް ނުކުރުމުން ވެސް ކޯޓަށް މައްސަލަ ހުށަހެޅި ކުންފުންޏެވެ. އެ މަޝްރޫއު މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރު ނެރެދީފައިވާތީ އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!