އިނގިރޭސިވިލާތުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް ކުއޯނީ ޔޫކޭ އާއެކު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި ވިޒިޓް މޯލްޑިވްސް އިން ކެމްޕެއިނެއް ފަށައިފި އެވެ.
އެމްއެމްޕީއާރުސީ އިން މަޢުލޫމާތު ދެއްވި ގޮތުގައި މިކެންޕެއިނަކީ އެއްމަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެންޕެއިނެކެވެ.
1966ގައި ޤާއިމްކޮށްފައިވާ ކުއޯނީ ޔޫކޭ އަކީ ދުނިޔޭގެ އެކި މަންޒިލްތަކުން ފަތުރުވެރިންނަށް ލިބޭ އެކި ހިދުމަތްތަކުގެ މައުލޫމާތާއި، ޕެކޭޖްތައް އިނގިރޭސިވިލާތުގެ ފަތުރުވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުން އަންނަ މަޝްހޫރު ޓުއަރ އޮޕަރޭޓަރެކެވެ.
އެގޮތުން، ކުއޯނީ ޔޫކޭގެ 48 ރީޓެއިލް ސްޓޯ އިނގިރޭސިވިލާތުގައި އޮޕަރޭޓުކުރަމުންދާއިރު ކުއޯނީ ޔޫކޭ އަކީ ދުނިޔޭގެ 9 ސަރަޙައްދެއްގައި ފަތުރުވެރިކަމާ ބެހޭ އެކި މައުލޫމާތާއި ޕެކޭޖުތައް ވިއްކުމުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އަދި އެއީ ކުއޯނީ ޓްރެވަލްގެ ދަށުން ހިންގާ ޓުއަރ އޮޕަރޭޓަރެކެވެ. މިގޮތުން ފްލައިޓްތަކުގެ މައުލޫމާތާއި، އެކި މަންޒިލްތަކުން ލިބޭ ހިދުމަތްތަކާއި، ޕެކޭޖުތަކުގެ އިތުރުން، ހޮޓެލްތަކާއި، ކްރޫޒްލައިނަރތަކުގެ ޕެކޭޖުތައް ކުއޯނީ ޓްރެވަލްގެ ދަށުން ހިންގާ ޓުއަރ އޮޕަރޭޓަރުން ވިއްކައެވެ.
އެމްއެމްޕީއާރުސީ އަދި ކުއޯނީ ޔޫކޭއިން ހިންގާ މި ކެމްޕެއިންގެ މަޤްސަދަކީ އައު އާންމު ހާލަތުގައި ރާއްޖެއަކީ ފަތުރުވެރިން ބޭނުންވާ ރައްކާތެރިކަމާއެކު ހިދުމަތްތައް ފޯރުކޮށްދޭ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމެވެ. މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތައް މި ކެމްޕެއިންގެ ޒަރިއްޔާއިން އިޝްތިހާރުކުރެވޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވަނީ ވަކި ވަކިން ކަމުން، މިއީ ގައިދުރުކަން ދެމެހެއްޓުމަށް ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ. އަދި ރައްޖޭގެ ތަފާތު ހިދުމަތްތަކާއި، ތަޖުރިބާތައްވެސް މި ކެމްޕެއިންގެ ޒަރިއްޔާއިން ޕްރޮމޯޓުކުރެވޭނެއެވެ. މި ކެމްޕެއިންގެ ބޭނުމަކީ އިނގިރޭސިވިލާތުން ރާއްޖެ އައުމަށް ބުކިން ހަދާ މިންވަރު އިތުރުކޮށް، މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.
މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ މައުލޫމަތު ކުއޯނީ ޔޫކޭގެ ޑާޓާބޭސްގައިވާ ކަސްޓަމަރުންނާ އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރާނެއެވެ. އަދި ކުއޯނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ވެބްސައިޓްގައި ރާއްޖެއާ ބެހޭ އާޓިކަލްތަކާއި ހޯމްޕޭޖް ބެނަރތައް އަދި އިޝްތިހާރުތައް ޝާއިޢު ކުރެވޭނެއެވެ. މީގެއިތުރުން އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއްކަމަށްވާ ސަންޑޭ ޓެލެގްރާފްގައި ރާއްޖޭގެ އިޝްތިހާރުތައް ޝާއިޢިކޮށް، ކުއޯނީ ޔޫކޭގެ 26 ސްޓޯއެއްގައި ރާއްޖޭގެ ވީޑިއޯ އިޝްތިހާރު ދައްކާނެއެވެ. މި ކެމްޕެއިންގެ ސަބަބުން ޔޫކޭއިން ރާއްޖެ އައުމަށް ފަތުރުވެރިން ބުކިން ހަދާ މިންވަރު، އަދި މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ވަނީ 251،339 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިމުއްދަތުގައި އިނގިރޭސިވިލާތަކީ ރާއްޖެއަށް 2 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. މިގޮތުން އިނގިރޭސިިވިލާތުން ރާއްޖެއަށް މިއަހަރު 28،569 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މާކެޓް ޝެއަރއަށް ބަލާނަމަ 11.4 އިންސައްތައެވެ. މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީއިން މިދިޔަ އަހަރު ވަނީ ގިނަ ހަރަކާތްތަކެއް ހިންގާ މި މާކެޓަށް އަމާޒުކޮށް ބޭއްވި ބޮޑެތި ފެއަރތަކުގައިވެސް ބައިވެރިވެފައެވެ. މިގޮތުން ދަ ނެޝަނަލް ވެޑިން ޝޯ، ޑަބްލިއުޓީއެމް ލަންޑަން 2021 ގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ މައިސް ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ވަނީ ރޯޑް ޝޯއެއް ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން ބްރިޓިޝް އެއަރވޭސްއާއެކު އަދި ލަންޑަން ޓެކްސީ އެޑްވަޓައިޒިންއާއެކު ވަނީ މާކެޓިން ކެމްޕެއިންތައް ހިންގާފައެވެ. ޔޫކޭ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީއިން މިއަހަރުވެސް މި މާކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.
ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގައި ވަރަށް ޙާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޙާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮށްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!