މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އިން ބަލަހައްޓާ މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޤައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފަށައިފިއެވެ.

އިއްޔެ އެ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝައިޚް އިމްރާން ޢަބްދުﷲއެވެ.

Ad
rt

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޙެލްތް އަޙްމަދު ނަސީމާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅާއި، ޑްރަގް އޭޖެންސީގެ ޗެއަރމަން ޝަމާއު ޝަރީފް އާއި ކަރެކްޝަނަލް ސާވިސަސްގެ އިސްވެރިންނާއި އަދި މި ނޫންވެސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމްއަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ޤައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާ ޕްރޮގްރާމެއް ކަމަށް ކަރެކްޝަނަލް ސާވިސަސް އިން ވިދާޅުވެއެވެ.

މަސްތުވާތަކެއްޗާ ގުޅިގެން ޙުކުމް ތަންފީޒުކުރަމުންދާ 40 ޤައިދީންނާއެކު ފަށާފައިވާ މި ޕްރޮގްރާމް އެކުލެވިގެންވަނީ 4 މަރުހަލާއަކަށެވެ. ފުރަތަމަ މަރުހަލާއަކީ 21 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޑީޓޮކްސިފިކޭޝަން މަރުޙަލާއެވެ. ދެވަނަ ވަނަ މަރުހަލާއަކީ ރީހެބިލިޓޭޝަން މަރުޙަލާއެވެ. މި މަރުޙަލާގައި ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމުގެ ބައިވެރިންނަށް ސައިކޯ-ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމާއެކު ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަންލް އަދި ސްކިލް ޓްރެއިނިންތައް ފޯރުކޮށްދިނުމާއި ދީނީ ކަންކަމަށް ހޭލުންތެރިކޮށް ހަރުދަނާ ބަޔަކަށް ހެދުމަށް ހިންގާ ޕްރޮގުރާމްތައް ހިމެނެއެވެ.

ތިން ވަނަ މަރުހަލާގައި ޕްރޮގްރާމުގެ ބައިވެރިން މުޖްތަމަޢަށް ނެރުމުގެ ކުރިން މުޖްތަމަޢަށް ނެރުމުގައި ހުރި ރިސްކްތައް ދެނެގަތުމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހަދައި، މުޖުތަމަޢުން ލިބެންހުރި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތަކާއެކު ޕެރޯލްގެ ދަށުން މުޖުތަމަޢަށް ނެރުމަށް މަސައްކަތްކުރެވިގެންދާނެ އެވެ. އަދި ހަތަރު ވަނަ މަރުޙަލާއަކީ އަފްޓަރ ކެއަރ ސަރވިސް ނުވަތަ ޕްރޮގްރާމްގެ ތެރެއިން މުޖުތަމަޢަށް ނެރޭ ފަރާތްތައް މޮނިޓަރ ކުރާ މަރުހާލާއެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަފުޅުގައި ވަނީ މި ޕްރޮގްރާމްގެ ސީދާ އަދި ނުސީދާ ހެޔޮ އަސަރު ކޮންމެ ޢާއިލާއަކަށްހެން ކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ޖަލުގައި ކަސްތަޅު އެޅުވި ބިކަވެ މާޔޫސްވެފައިވާ، ޢާއިލާއާއެކު އުފާވެރި ޙަޔާތެއް ލިބިދާނެކަން ތަޞައްވަރުނުކުރާ އެތައް ޒުވާނަކަށް މި ޕްރޮގްރާމްގެ ސަބަބުން، އެ ޒުވާނުންގެ ކުރިމަގު އުޖާލާ ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.