ހއ. މުރައިދޫ ސިއްޚީ މަރުކަޒުގައި މޮބައިލް ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އެމަރުކަޒުގެ މެނޭޖަރު ހަސަން ރިޔާޒް ވިދާޅުވީ މުރައިދޫ ކައުންސިލާއި ގުޅިގެން މިޚިދުމަތް ރައްޔިތުންނަށް ދޭން ފަށާފައިވަނީ މިއަދު ކަމަށެވެ.
އެގޮތުން ދިއްދޫގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލުން ހަދާދޭ ހުރިހާ ޓެސްޓްތަކެއްގެ ސޭމްޕަލް ނެގުމުގެ ޚިދުމަތް މިހާރު އެމަރުކަޒުންވެސް ލިބެމުންދާނެ ކަމަށާއި މިޓެސްޓްތަކުގެ ނަތީޖާ 2 ގަޑިއިރު ތެރޭ ލިބިގެންދާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އޭގެތެރޭގައި ޑެންގޫ، ކުޑަކަމުދާ ނިޒާމްގެ ބަލިތަކުގެ އިތުރުން އެހެނިހެން އާއްމުބަލިތަކުގެ ޓެސްޓްތައް ހިމެނެއެވެ.
ރިޔާޒް ފާހަގަ ކުރައްވާފައިވާ ގޮތުގައި އަލަށް ތަޢާރަފް މިކުރެވުނު ޚިދުމަތުގެ ސަބަބުން ރަށުގެ ރައްޔިތުން ދިއްދޫއަށް ދަތުރު ކުރުމުގެ ބަދަލުގައި ރަށުގައި ތިބެގެން ލުއިފަސޭހަ ގޮތަކަށް އަދި އަވަހަށް އެޚިދުމަތްތައް ލިބިގެންދާނެއެވެ. މި ލެބޯޓަރީން 8 ގަޑިއިރުގެ ޚިދުމަތް ލިބެމުންދާނެއެވެ.
އަދި މިފަދަ ޚިދުމަތެއް ރައްޔިިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަޙުމަދު ޢަބްދުﷲ އަދި މުރައިދޫ ކައުންސިލަށް އެމަރުކަޒުގެ ނަމުގައި ވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
މީގެ އިތުރުން ރިޔާޒް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެރަށުގެ ސިއްޚީ މަރުކަޒުގައިވެސް ފެންވަރު ރަނގަޅު އަދި މިހާރަށްވުރެ ގިނަ ޚިދުމަތްތަކެއް ދެވޭނެ ލެބޯޓްރީއެއް ގާއިމް ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!