ށ. ނަރުދޫގެ އުމުރުން 7 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްސަކޮށް އައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.

އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމަކީ އެއްމަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

Ad
rt

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ މެމްބަރު އައިޝަތު އިކްލީނާ ވިދާޅުވީ މިޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ކުދިންނަށް މާދަމާ (ފެބުރުއަރީ 28 ވަނަ ދުވަސް) އާއި ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ބައިވެރިވާން ބޭނުންވާ ކުދިން އެމުއްދަތުގެ ތެރޭގައި 7222668 ,7848384 ނަންބަރު ފޯނަށް ގުޅުއްވައިގެން ނަންނޯޓު ކުރެއްވުމަށް އެކޮމިޓީއިން ވަނީ އެދިލައްވާފައެވެ.

މިޕްރޮގްރާމްގައި ބައިވެރިވާ ކުދިންގެ އަތުން -/100 (ސަތޭކަ ރުފިޔާ)ގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ކުދިންނަށް ކިޔަވައިދެއްވާނީ އެރަށު މިސްކިތުގެ މުދިމު އަބްދުﷲ ވަޖީހެވެ.

މި ޕްރޮގްރާމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 7222668 ,7848384 ނަންބަރު ފޯނާއި ގުޅުއްވުމުން އިތުރު މައުލޫމާތު ހިއްސާކުރެވިގެންދާނެ ކަމަށް އެކޮމިޓީގެ ފަރާތުން ވަނީ ވިދާޅުވެފައެވެ،

މީގެއިތުރުން އެކޮމިޓީއިން ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުވުން ކަމަށެވެ. މިޕްރޮގްރާމް ފެށޭނެ ވަކި ތާރީޙެއް އަދި ކަނޑައެޅިފައި ނުވި ނަމަވެސް އަންނަ މާރޗް މަހުގެ ކުރީކޮޅު ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިކްލީނާ ވިދާޅުވިއެވެ.

ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އެރަށުގެ އެކި އުމުރުފުރާ ތަކަށް ހާއްސަކޮށް ހަރަކާތްތައް ހިންގަމުންދާކަން ފާހަގަ ކޮށްލެވެއެވެ. އޭގެ ތެރޭގައި ރަށުގެ އުމުރުން ދުވަސްވީ ފަރާތްތަކަށް އީދުހަދިޔާ ދިނުމާއި ރަށުގެ ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް އަދި އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމް ހިމެނެއެވެ.