ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި ސާޖަރީއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އަލުން ހަވާލުވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި އޮޕަރޭޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ ހަވާލުކުރެއްވީ މިއަދު ހެނދުނު 6:00 ގައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން ހަވާލުވެވަޑައިގެންނެވީ ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހު ހެނދުނު 9:30 ގައިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ތައިރޮއިޑްގެ އާލާސްކަންފުޅެއްގައި ސިންގަޕޫރަށް ވަޑައިގެން މިއަދު ސާޖަރީ ހެއްދެވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ ސާޖަރީ މިހާރު ނިމިއްޖެ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށެވެ. ސާޖަރީއަށް ފަހު މިހާރު އޮންނެވީ ރިކަވަރީގައި ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނަށް ހެޔޮ ދުއާކޮށްދެއްވި އެންމެންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ޞާލިޙް، ތައިރޮއިޑް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 23 ވަނަ ދުވަހުއެވެ.