ހއ. ބީނާފުށްޓާއި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާއަށް 3.6 މިލިއަން ޑޮލަރު (55 މިލިއަން ރުފިޔާ) ދައްކަން ޔޮޓް ޓުއާސްގެ ކުންފުނީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
މަޖިލީހުުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުނީގެ މައްޗަށް އެ ހުކުމް އައުމުގެ ކުރިން ހއ. އަލިދޫ ރިސޯޓްގެ ކުއްޔާއި ޖޫރިމަނާއަށް 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް ވެސް ހައި ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކުރި އެވެ. ބީނާފުށްޓާއި ކަނޑާލިފިނޮޅަކީ 2013 ވަނަ އަހަރު އެ ކުންފުންޏަށް ދިނުމަށްފަހު 2016 ވަނަ އަހަރު އަތުލި ތަންތަނެވެ. އެތަންތަނުގައި ކުއްޔަށް 600،000 ޑޮޮލަރު އެރުމުން ފައިސާ ނުދައްކާތީ ޖޫރިމަނާއަށް 3 މިލިއަން ޑޮލަރު އެރި އެވެ.
އެ ފައިސާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ޖޫރިމަނާ މާ ބޮޑު ކަމަށް ޔޮޓް ޓުއާސުން މިހާރު ބުނާއިރު، އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މިހާރު އެކަން ފާހަގަ ކުރިޔަސް، އެކަން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ޖޫރިމަނާގެ މިންވަރު ކަނޑައަޅާފައި އޮތީ ގަވާއިދުގައި ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
މިއީ ބީނާފުށްޓާއި ކަނޑާލިފިނޮޅުގެ މައްސަލާގައި ޔޮޓް ޓުއާސަށް ހައި ކޯޓުން ނާކާމިޔާބުވި ދެވަނަ މައްސަލަ އެވެ. އެތަންތަން ސަރުކާރު އަތުލި މައްސަލާގައި އެ ކުންފުނިން ކުރި ދައުވާގައި ވެސް ހައި ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ އެތަންތަން އަތުލީ ރަނގަޅަށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!