ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބުދަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އެތުލެޓީކޯއިންނެވެ. މި ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ރެނަން ލޮޑީ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޖޯ ފެލިކްސްއެވެ.

Ad
rt

މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޔުނައިޓެޑުން ކުޅުނު ނަމަވެސް، މުޅި ފުރަތަމަ ހާފުގައި ޔުނައިޓެޑަށް އެތުލެޓިކޯގެ ވަރުގަދަ ޑިފެންސް ތެރެއިން ލަނޑު ޖަހާނެ ފުރުޞަތެއް ހޯދިފައި ނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ޔުނައިޓެޑަށް ލަނޑުޖަހާނެ ފުރުޞަތު ހޯދުމުގައި އުނދަގޫތަކާއި ކުރިމަތިވިއެވެ. އެ ޓީމަށް އެތުލެޓިކޯގެ ޑިފެންސަށް ބާރު ބޮޑުކުރެވުނުތަން ފެނިގެން ގޮސްފައި ވަނީ 66 ވަނަ މިނެޓުގައި ގެނައި ބަދަލުތަކަށް ފަހުއެވެ. އެއްފަހަރާ ތިން ބަދަލު ކުރިއިރު، ލިންޑަލޯފްގެ ބަދަލުގައި ކުޅެން ނުކުމެފައި ވަނީ ވެން ބިކާސާއެވެ. ޕޮގްބާގެ ބަދަލުގައި މަޓިޗް ކުޅެން ނުކުތްއިރު، ލުކާސޯގެ ބަދަލުގައި ކުޅެން ނުކުމެފައި ވަނީ ޓެލެސްއެވެ. އެއަށްފަހު 75 ވަނަ މިނެޓުގައި ރަޝަފޯޑްގެ ބަދަލުގައި އެލަންގާ ކުޅެން ނެރުނެވެ. މި ބަދަލުތަކާއިއެކު ޔުނައިޓެޑުގެ ކުޅުން ރަނގަޅުވެގެން ދިޔައެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 80 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އުމުރުން 19 އަހަރުގެ އެލަންގާ ވަނީ ލަނޑުޖަހައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ލަނޑާ އެކު އޭނާ ވެފައި ވަނީ ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

މެޗުގެ ނަތީޖާ އެތުލެޓިކޯގެ ކޮޅަށް އަނބުރާލަން ރަނގަޅު ފުރުޞަތެއް ވަނީ އެ ޓީމްގެ ގްރީޒްމަންއަށް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި ދެޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މާޗް މަހުގެ 15 ވަނަ ދުވަހުގެ ރޭ ޔުނައިޓެޑްގެ ދަނޑުގައެވެ.

ރޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބެންފީކާއާއި އަޔެކްސް ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

ބެންފީކާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އަޔެކްސްއިންނެވެ. މި ލަނޑު 18 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޑޫސަން ޓަޑިޗެވެ. ނަމަވެސް މެޗުގެ 26 ވަނަ މިނެޓުގައި އަޔެކްސްގެ ހާލާ އަތުން ބައިކޮޅަށް ވަތްލަނޑާއިއެކު ނަތީޖާ ހަމަހަމަ ވިއެވެ.

ނަމަވެސް އަޔަކްސްއަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ލިބުނީ ހާލާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ބެންފީކާއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ 72 ވަނަ މިނެޓުގައި ޔަރެމްޗުކް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި ދެޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަޔެކްސްގެ ދަނޑުގައެވެ. މި މެޗު އޮންނާނީ މާޗް މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.