ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 101.23 ޑޮލަރު (1560ރ.) އަށް އަރައިފިއެވެ.

ކުއްލިއަކަށް ތެލުގެ އަގު އުފުލުނީ ރަޝިއާއިން ޔުކްރެއިނަށް މިއަދު ހެނދުނު ހަމަލާދޭން ފެށުމުންނެވެ.

Ad
rt

ރަޝިއާގެ ހަމަ ނުޖެހުންތަކާއެކު މިދިޔަ އަންގާރަ ދުވަހުން ފެށިގެން ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އަންނަނީ އުފުލެމުންނެވެ. އަންގާރަ ދުވަހު ތެޔޮ ލިބެން ހުރީ 99.38 ޑޮލަރު (1532ރ.) އަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތައް ރާއްޖޭގެ ތެލުގެ އަގަށްވެސް ބޮޑު ބަދަލެއް އަންނާނެއެވެ.

ރަޝިއާ އާއި ޔުކްރެއިންގެ ހަމަނުޖެހުންތަކުގެ ކުރިން ވެސް މިއަހަރު ފެށުނީއްސުރެ ތެލުގެ އަގު އަންނަނީ އުފުލެމުންނެވެ.

ދުނިޔޭގެ ބާޒާރުގައި މިއަހަރު ތެލުގެ އަގު އުފުލިފައިވަނީ ފާއިތުވި ހަތް އަހަރު ނުއުފުލޭ ވަރަކަށެވެ. ތެލުގެ އަގު އެންމެ ފަހުން ކަންބޮޑުވާ ވަރަށް އުފުލުނީ 2014 ވަނަ އަހަރު އެވެ. އެއީ ފީފާއެއް 115 ޑޮލަރަށެވެ.