މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދުމީހުން ސްޕެޝަލިސްޓް ޑޮކްޓަރުން މެދުވެރިކޮށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމާ ބެހޭގޮތުން ފަހުމްނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
އެމްސީއެސް އިން މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއެކުގައެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ މި ފަހުމްނާމާގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. އަދި އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އިބްރާހިމް ސަލީމްއެވެ.
އެމްސީއެސްއިން ވިދާޅުވި ގޮތުގައި، ޤައިދީންނާއި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން، އެ ފަރާތްތައް އެއްތަނުން އަނެއްތަނަށް އުފުލުމަކީ ތަކުލީފު އަދި ޚަރަދު ބޮޑު ކަމަކެވެ. އެހެންކަމުން މި ފަހުމްނާމާގައި ސޮއިކުރުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ޢާންމު ނޫން ބަލިތަކަށާއި އުނދަގޫތަކަށް، އެ ކަމާ ގުޅުންހުރި ސްޕެލިސްޓް ޑޮކްޓަރުން މެދުވެރިކޮށް ޖަލުގައި ބައިތިއްބައިގެން ފަސޭހަކަމާއެކު ސިއްޙީ ފަރުވާ ފޯރުކޮށްދިނުން ކަމަށް އެ އިދާރާއިން ހާމަކުރަށްވައެވެ.
މި ފަހުމްނާމާގެ ދަށުން، ކުރުމުއްދަތަކަށް އައިޖީއެމްއެޗްގެ ފަރާތުން ޖަލުތަކަށް ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެހެނިހެން ޓެކްނިކަލް މުވައްޒަފުން ފޮނުވައި، ފަހަރަކު މަދުވެގެން 20 މީހުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
މިފަދަ އިންތިޒާމްއެއް ހަމަޖެހިގެން ދިއުމަކީ ޤައިދީންނާއި ބަންދުމީހުންނަށް ބޭސް ފަރުވާ ފޯރުކޮށްދިނުމަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއްކަން އެމްސީއެސް އިން ފާހަގަ ކުރަށްވައެވެ.
ކޯވިޑް-19 ގެ މި ޙާލަތުގައި އެމްސީއެސްގެ އަމާޒަކީ ޤައިދީންނާއި ބަންދުމީހުންނަށް ވީހާވެސް ރައްކާތެރިކަމާއެކު ބޭސް ފަރުވާ ފޯރުކޮށްދިނުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!